ގޯތި ވިއްކުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައިނުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިހެން ވިދާޅުވީ މާލެއިން ގޯތި ވިއްކުމަށް ސަރުކާރުން އުޅޭކަމަށް ދޭހަވާފަދަ މޭރުމަކުން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުފުޅުދެއްކެވުމާއި ގުޅިގެނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީފުޅެއްގައި މުއިއްޒު ވިދާޅުވީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް 1000 ގޯތި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާކަމަށް މީޑިއާއިން މައުލޫމާތު ލިބިފައިވާ ކަމަށާއ، އެއީ ހަގީގަތެއްކަމުގައި ވާނަމަ، ރާއްޖޭގެ އެހެން ރައްޔިތުންނަށްވެސް ހިލޭ ގޯތި ދެއްވާފަދައިން އެ ގޯތިތަށް މާލޭގެ ރައްޔިތުންނަށް ދެއްވުމަށެވެ.
މުއިއްޒުގެ ސިޓީއަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ދެއްވި ޖަވާބުގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް ގޯތި ދިނުމަށް ނިންމަވައި އެކަން ރައީސުލްޖުމްހުރިއްޔާ އިޢުލާންކުރައްވާފައިވާކަމަށެވެ. މީގެ އިތުރުން، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް، އިންވަކިކޮށް، ދައުރު ނިމުމުގެ ކުރިން ގޯތީގެ ފަތް ހަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާއިރު، ގޯތި ވިއްކުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާކަން ރައީސުލްޖުމްހުރިއްޔާ އޮފީހުގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ރައީސް އޮފީހުން ވިދާޅުވީ ހުޅުމާލެއިން ގޯތި ދޫކުރުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ ކަންކަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސަމާލުކަމަށް ގެނެވިފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ، އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތައް ހާމަކުރައްވާފައެވެ.
މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރުވެސް ފަށައިގެން ކުރިއަށްދާކަމަށް ރިޔާސީ ބަޔާނުގައި އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި މީހުން އާބާދުކުރުމަށް 2000 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތްތައް މިއަހަރުގެ ޖޫންމަހު ފަށްޓަވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ