ސަސް އަތުން ވެލެންސިއާ އަށް މުހިންމު މޮޅެއް

ސަސް އަތުން ވެލެންސިއާ އަށް މުހިންމު މޮޅެއް

Author
ޔޫސުފް
08 މާރޗް 2022 07:36
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ވެލެންސިއާ އިން ލީގުގެ ދެވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު 5 މެޗު ކުޅެގެން ހޯދި 12 ޕޮއިންޓާއެކު ވެލެންސިއާ އޮތީ ދެ ވަނައިގައެވެ. އެއްވަނައިގައި މާޒިޔާ އޮތީ 4 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ލީގުގައި މާދަމާ ރޭ ޔޫވީ އަތުން މޮޅުވެގެން މާޒިޔާއަށް އެއްވަނައިގައި 3 ޕޮއިންޓްގެ ލީޑެއް އަނެއްކާވެސް ނެގޭނެއެވެ. މި މެޗުން ބަލިވި ސަސް އޮތީ 5 މެޗުން ލިބުނު 3 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގައެެވެ.

ވެލެންސިއާ އާއި ސަސް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެލެންސިއާއިންނެވެ. މި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ހަލީލް ޖަމާލްއެވެ. ހަލީލް ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ވެލެންސިއާގެ އާދަމް އިޝާމް ވަނީ އިތުރު ލަނޑެއް ޖަހާ ވެލެންސިއާ އަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ސަސް އިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފް ފަށައިގެން 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މުހައްމަދު ސަހާއުއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.