އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ލީގުގެ ފުރަތަމަ މޮޅު ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ހޯދައިފިއެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ސަސް އިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު ލީގު ތާވަލްގެ ފުލުގައި އޮތް ސަސް ވަނީ 6 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. ގްރީން ސްޓްރީޓްސް އޮތީ 4 ޕޮއިންޓާ އެކު ތާވަލްގެ 5 ވަނައިގައެވެ. މި މެޗުން ގްރީން މޮޅުވިނަމަ ލީގު ތާވަލްގެ 3 ވަނައަށް ކުރިޔަށް ޖެހޭނެއެވެ.
ގްރީން އާއި ސަސް ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސަސް އިން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ކޯނަރަކުން މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އިބްރާހިމް އަތީގު ޙަސަންއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ނިމެން ގާތް ވެފައި ވަނިކޮށް ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.
މި މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ވެލެންސިއާ ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް 0-1 އިން ކުރި ހޯދާފައެވެ. މި މެޗުގައި ވެލެންސިއާ އިން ޖެހި ހަމައެކަނި ލަނޑު 4 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިންއެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ