ޔޫވީ އަތުން ބަލިނުވެ އީގަލްސް ސަލާމަތްވެއްޖެ

ޔޫވީ އަތުން ބަލިނުވެ އީގަލްސް ސަލާމަތްވެއްޖެ

Author
ޔޫސުފް
03 މާރޗް 2022 07:15
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިނުވެ ކްލަބް އީގަލްސް ސަލާމަތްވެއްޖެއެވެ.

މިއަދު ހަވީރު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމުވެސް އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 4 މެޗުން ހޯދި 7 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓްރީ 3 ވަނައިގައި އޮތްއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އީގަލްސް އޮތީ 4 ވަނައިގައެވެ. ޔޫވީއަށް ކުރި ލިބެނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ.

އީގަލްސް އާއި ޔޫވީ ބައްދަލުކުރި މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑް ވިކްޓްރީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ޔޫވީއަށް ކާމިޔާބުކޮށްދިނީ، އިވާން ވެރާސްއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ އިވާން ކާމިޔާބުކޮށްދިން ލަނޑާއެކު ޔޫވީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން އީގަލްސް އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ގިނަ ހަމަލާތަކެއް ޔޫވީގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އީގަލްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ 4 މިނެޓު އޮށްވައެވެ. މި ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ އަޒްވާން ޢަބްދުލް އަޒީޒްއެވެ.

ލީގުގައި މިރޭވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ހަތް ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.