އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑުގެ ސަބަބުން ޢާންމު މެންބަރުން މާޔޫސްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ އެތެރޭގެ ކޯޅުން ވަނީ ބޮޑުވެފައެވެ. މިގޮތުން ރައީސް ޞާލިޙް ފެކްޝަނުގެ މެންބަރުންނާއި ރައީސް ނަޝީދު ފެކްޝަންގެ މެންބަރުން ގެންދަވަނީ އެއްބަޔަކު އަނެއް ބަޔަކަށް ފާޑުވިދާޅުވަމުންނެވެ. އެކަން މަޖިލީހުގެ ތަޅުމުން ވަރަށް ބޮޑަށް ފެނިގެންދެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނާއި ނަރުދަމާގެ ބިލަށް ވާހަކަފުޅު ދައްކަން ލިބިވަޑައިގެންނެވި ފުރުޞަތުގައި އަދުން ހުސައިން ވިދާޅުވީ، މިހާރު ރައްޔިތުންނަށް ކަށަވަރުވެފައިވާ ގިނަ ހައްގުތަކަކީ އެމްޑީޕީގެ ޢާންމު މެންބަރުން މަގުމައްޗަށް ނިކުމެ ޤުރުބާނީތަކެއް ވެގެން ހޯދާފައިޥާ ހައްގުތަކެއްކަމަށެވެ.
ފެނާއި ނަރުދަމާފަދަ އަސާސީ ހައްގުތަކަށް ވަކާލާތުކުރީ އެމްޑީޕީންކަން ފާހަގަކުރައްވާ އަދުން ޙުސައިން ވިދާޅުވީ، އެއީ އެމްޑީޕީގެ އާންމު މެންބަރުންގެ ބުރަ މަސައްކަތުން ހޯދާދީފައިވާ ފުރުޞަތުތަކެއްކަމަށެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް މުޅި ޕާޓީ ބައިބައިވާގޮތަށް ކުރަމުންދާ ކަންކަމާއި ގުޅިގެން ހިތާމަކުރައްވާކަމަށާއި، ރައްޔިތުންނަށް ކަށަވަރުކޮށްދެންޖެހޭ އަސާސީ ތަރައްގީތަކަށް އެޅޭ ހުރަހަކަމަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ވެގެން ނުވާނެކަމަށެވެ.
ކޮންމެ ޢާންމު މެންބަރަކަށްވެސް އެ މީހަކު ބޭނުން މީހަކަށް ވޯތް ދިނުމުގެ ހައްގު އޮންނަންޖެހޭކަމަށާއި، ވަކި ބޭފުޅަކަށް ތަޢީދުކުރުމަކީ އެބޭފުޅަކާ ދެކޮޅުވުން ނޫންކަމަށް އަދުން ޙުސައިން ވިދާޅުވިއެވެ.
އަދުން ހުސައިން ގެންދަވަނީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށް ތަޢީދުކުރައްވަމުންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ފައްޔާޟަ ތާޢީދުކުރާތީ ބައެއް މެންބަރުންގެ ފަރާތުން ފުރައްސާރައާއި ކުރިމަތިލާންޖެހިފައިވާކަމަށް އެމްޑީޕީގެ ބައެއް މެންބަރުން އިއްޔެ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ