އެމްޑީޕީއަށް އިޚްލާސްތެރިކަމަށް ވަކި ބައެއްގެ ނަންތައް އީވާ ވިދާޅުވުމުން، ރޮޒޭގެ ހޫނު ރައްދެއް އީވާއަށް!

އެމްޑީޕީއަށް އިޚްލާސްތެރިކަމަށް ވަކި ބައެއްގެ ނަންތައް އީވާ ވިދާޅުވުމުން، ރޮޒޭގެ ހޫނު ރައްދެއް އީވާއަށް!

Author
މުޙައްމަދު ޖިމީ
01 މާރޗް 2022 01:09
0

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަން ލިބިވަޑައިގަތީ ހަމައެކަނި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ކުރި މައްސައްކަތުންކަމަށް ސިފަކުރައްވާ، އެ ފެކްޗަންގެ ވަކި މެންބަރުންތަކެއްގެ ނަންފުޅުތައް މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވުމުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަރުގަދަ ހޫނު ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ބޮޑުވެ މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ އެމްޑީޕީގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ފާޑުވިދާޅުވެ ރައްދު ދެއްވާފައެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ޝަރީފް ވިދާޅުވީ މަޖިލިސް ތެރެއިން އިދިކޮޅު މެމްބަރުން ނުކުރާ މަސައްކަތް ރައީސާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ކުރަމުންދާތަން ފެންނަ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރުތައްވެސް ނިގުޅައިގަނެ އެމަނިކުފާގެ އަތްފައި ބުރިކޮށްލުމަށް، އެމްޑީޕީ ތެރެއިން ކުރަމުންދާ މަސައްކަތަކީ ކާމިޔާބުވާނެ މަސައްކަތެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސަށް ލިބިދޭ ބާރުގެ ދަށުން ވަޒީފާ ދެއްވާފައިވާ ބޭފުޅުން މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާނަމަ، އެމީހަކު ވަޒީފާއިން ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަމެއްކަމަށެވެ. މަސައްކަތް ނުކުރާމީހުން މަޤާމުތަކުގައި ބައިތިއްބައިގެން މުސާރަ ދިނުމަކީ ރައީސުލްޖުމްހޫރިއްޔަ ކުރައްވަންޖެހޭ ކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

 

ޝަރީފްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ، މިއަދު އެމްޑީޕީގެ ވެރިކަމެއް އޮތީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިންތިގެ ޓީމުގެ މެމްބަރުން ހިމެނޭހެން ގިނަ ބަޔަކު ކުރި މަސައްކަތުންކަމަށެވެ. ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އީވާ ވިދާޅުވީ، އެމްޑީޕީގެ ބައެއް މެމްބަރުންނަކީ އިދިކޮޅު މެމްބަރުންކަމަށް ވިދާޅުވުމުގެ ހައްގެއް ޝަރީފަކަށް ނޯންނާނެކަމަށެވެ. މިއަދު އެމްޑީޕީއަށް ވެރިކަމުގައި ތިވެނީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އިންތިމެން ކުރި މަސައްކަތުންކަމަށް އީވާ ވިދާޅުވިއެވެ.

އިމްތިޔާޒު ފަހުމީމެން ނިކުމެ ވަޑައިގެން އެފަސް އަހަރު، މިތާގައި އެކުރި ހިތްވަރު ނުކިރިނަމަ ކޮން ހިތްވަރެއްތޯ އޮންނާނީ. އަޅުގަނޑުމެނާއި ދިމާލަށް އިދިކޮޅު މީހުންނޭ ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބާރްހިމް ޝަރީފް ވިދާޅުވާއިރު، އަޅުގަނޑަކަށްވުރެ، އިންތިޔާޒު ފަހުމީއަށްވުރެ ހަސަން ލަތީފަކަށްވުރެ، އުނގޫފާރު މުހައްމަދު ވަހީދަކަށްވުރެ އިޚްލާސްތެރި މީހުންނެއް އެމްޑީޕީއަކަށް ނުލިބޭނެ.

– އީވާ ވިދާޅުވިއެވެ.

އޭގެ ފަހުން އީވާ ރިޔާސަތުގައި އިންނަވަނިކޮށް އީވާގެ ވާހަކަތަކަށް ރައްދު ދެއްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ވެރިކަން ކާމިޔާބު ކުރެވުނީ ވަކި މެންބަރުންތަކެއް ކުރެއްވި މަސައްކަތުން ކަމަށް ބުނުމަކީ އެހެން މެންބަރުންނާ މެދު ވެވޭ ނާއިންސާފެއްކަމަށެވެ.

އިމްތިޔާޒު ފަހުމީއާ ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެކު ކެމްޕެއިން ކުރައްވަމުން ގެންދަވާ ރޮޒައިނާ ވިދާޅުވީ، މަޖިލިސް ތެރެއިން ވެރިކަން ހޯދައިދެއްވުމަށް މަސައްކަތް ކުރެެއްވި މެންބަރުންގެ ނަންތައް ވިދާޅުވިއިރު، ރައީސް ޞާލިޙަށް މިހާރު ތާއީދުކުރައްވާ މެންބަރުންގެ ނަންތައް ވިދާޅުނުވީތީ ހިތާމަ ކުރާ ކަމަށެވެ.

އިއްޒަތްތެރި ރައީސްވެސް ވާހަކަ ދައްކަވަމުން ވިދާޅުވި މިހިރަ އިމްތިޔާޒު ފަހުމީއާ މިހިރަ ވަހީދުއާ މިހިރަ މިވެނި މީހަކާއި އެވެނި މީހަކާ ކުރި މަސައްކަތުންނޭ މި ޕާޓީ ސަރުކާރަށް އައީ. ނޫން… މިޕާޓީ ސަރުކާރަށް އައީ މި ޕާޓީގެ ހުރިހާ މެންބަރުން ހުރިހާ މެންބަރުން އަދި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ކުރި ވަރަށް ބުރަ މަސައްކަތުން…

– ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

ރޮޒައިނާވެސް ވަނީ ބައެއް މެންބަރުންގެ ނަންތައް ފާހަގަކުރައްވާފައެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާޙުގެ ނަމެއް ވިދާޅެއް ނުވޭ، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރުގެ ނަމެއް ވިދާޅެއް ނުވޭ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރުގެ ނަމެއް ވިދާޅެއް ނުވޭ، ގަމު ދާއިރާގެ އިއްޒަތްތެރި މެންބަރު ފައްޔާޒް އިސްމާއީލް އެއިރު ކުރެއްވި މަސައްކަތުގެ ވާހަކަ ވިދާޅެއްނުވޭ.

– ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ފެނުނީ އެމްޑީޕީ ގެމެންބަރުން އެއް މެންބަރުން އަނެއް މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވިތަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.