މިއަދު އެމްޑީޕީގެ ވެރިކަމެއް އޮތީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިންތިގެ ޓީމުގެ މެމްބަރުން ހިމެނޭހެން ގިނަ ބަޔަކު ކުރި މަސައްކަތުންކަމަށް ރައްޔިތުންގެ މަޖިލީގހުގެ ނައިބް ރައީސް އީވާ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުއްލި މައްސަލައއިގައި ވަހަކަ ދައްކަވަމުން އީވާ ވަނީ ބަހުގެ ހޫނު ހަމަލާތަކެއް މަރަދޫ ދާއިރާގެ މެމްބަރު ޝަރީފަށް ދެއްވާފައެވެ.
ޝަރީފް ވިދާޅުވީ މަޖިލިސް ތެރެއިން އިދިކޮޅު މެމްބަރުން ނުކުރާ މަސައްކަތް ރައީސާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ކުރަމުންދާތަން ފެންނަ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރުތައްވެސް ނިގުޅައިގަނެ އެމަނިކުފާގެ އަތްފައި ބުރިކޮށްލުމަށް، އެމްޑީޕީ ތެރެއިން ކުރަމުންދާ މަސައްކަތަކީ ކާމިޔާބުވާނެ މަސައްކަތެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އީވާ ވިދާޅުވީ، އެމްޑީޕީގެ ބައެއް މެމްބަރުންނަކީ އިދިކޮޅު މެމްބަރުންކަމަށް ވިދާޅުވުމުގެ ހައްގެއް ޝަރީފަކަށް ނޯންނާނެކަމަށެވެ. މިއަދު އެމްޑީޕީއަށް ވެރިކަމުގައި ތިވެނީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އިންތިމެން ކުރި މަސައްކަތުންކަމަށް އީވާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެހިނގި އަނިޔާވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގައި އެކުރިހާ ކަންތައްތަކުގެ ތެރޭގައި އިމްތިޔާޒު ފަހުމީމެން އެކުރި ހިތްވަރު ނުކުރެއްވިނަމަ، މިއަދު ކޮން ސަރުކާރެއްތޯ އޮންނާނީ. އިމްތިޔާޒު ފަހުމީމެން ނިކުމެ ވަޑައިގެން އެފަސް އަހަރު، މިތާގައި އެކުރި ހިތްވަރު ނުކިރިނަމަ ކޮން ހިތްވަރެއްތޯ އޮންނާނީ. އަޅުގަނޑުމެނާއި ދިމާލަށް އިދިކޮޅު މީހުންނޭ ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބާރްހިމް ޝަރީފް ވިދާޅުވާއިރު، އަޅުގަނޑަކަށްވުރެ، އިންތިޔާޒު ފަހުމީއަށްވުރެ ހަސަން ލަތީފަކަށްވުރެ، އުނގޫފާރު މުހައްމަދު ވަހީދަކަށްވުރެ އިޚްލާސްތެރި މީހުންނެއް އެމްޑީޕީއަކަށް ނުލިބޭނެ.
– އީވާ ވިދާޅުވިއެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންވަނީ ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރި މީހުން ވަޒީފާއިން ވަކިކޮށް ހަދަމުންދަނީ "ފައްޔާޒު" ޗެއާޕާސަން ކަމަށް އިންތިޚާބު ކުރުމަށް ކަމަށްބުނެ ބަހުގެ ހަމަލާތައް ވަނީ ބަދަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ