އިންޑިއާގެ ސްޓޭޓް އިންތިޚާބުގައި ފިލްމީ ތަރި ވިޖޭއަށް ކާމިޔާބު ލިބުނު ނަމަވެސް ސަރުކާރު އެކުލަވާލުމުގައި ގޮންޖެހުންތަކެއް!

އިންޑިއާގެ ސްޓޭޓް އިންތިޚާބުގައި ފިލްމީ ތަރި ވިޖޭއަށް ކާމިޔާބު ލިބުނު ނަމަވެސް ސަރުކާރު އެކުލަވާލުމުގައި ގޮންޖެހުންތަކެއް!

Author
އަހުމަދު
09 މެއި 2026 12:21
0

އިންޑިއާގެ ތަމަޅް ނާޑޫ ސްޓޭޓްގައި ދާދިފަހުން ބޭއްވި އިންތިޚާބުގައި، ފިލްމީ ތަރި ސީ ޖޯސެފް ވިޖޭ އަލަށް އުފެއްދި ސިޔާސީ ޕާޓީން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރުން ވެގެންދިޔައީ ތާރީޚީ ކަމަކަށެވެ.

ނަމަވެސް ހޯމަ ދުވަހު ވޯޓު ގުނިތާ ފަސް ދުވަސް ފަހުން، އެ ސްޓޭޓުގައި ވަނީ ސިޔާސީ ނުތަނަވަސްކަން އުފެދިފައެވެ. އާ ސަރުކާރެއް އެކުލަވާލާނީ ކޮން އިރަކު ކަމެއް ނުވަތަ ސަރުކާރު އެކުލަވާލާނީ ކާކު ކަމެއް އަދި ސާފެއް ނުވެއެވެ.

ވިޖޭގެ ޕާޓީ، ތަމިލަގަ ވެއްޓްރި ކަޒަގަމް (ޓީވީކޭ) އަށް 108 ގޮނޑި ކާމިޔާބުކުރެވުނުއިރު، 234 މެމްބަރުންގެ އެސެމްބްލީގެ މެޖޯރިޓީ ހޯދުމަށް އޭނާއަށް އަދި 10 ގޮނޑި މަދުވެއެވެ. އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކަމަށްވާ ކޮންގްރެސް އިން ވަނީ އެ ޕާޓީއަށް ލިބުނު ފަސް ގޮނޑީގެ ތާއީދު ވިޖޭއަށް ދޭން ނިންމާފައެވެ. ނަމަވެސް ވިޖޭއަށް އަދި އިތުރު ފަސް މެމްބަރުންގެ ތާއީދު ބޭނުންވާއިރު، އެއީ ކޮން ބައެއްކަން އަދި ކަށަވަރެއް ނުވެއެވެ.

ބުދަ އަދި ބުރާސްފަތި ދުވަހު ވިޖޭ ވަނީ ސްޓޭޓްގެ ގަވަރުނަރު ރާޖެންދުރަ ވިޝްވަނާތު އާރްލޭކަރް އާ ބައްދަލުކުރައްވައި ސަރުކާރު އެކުލަވާލުމުގެ ފުރުޞަތަށް އެދިވަޑައިގެންފައެވެ. ނަމަވެސް ގަވަރުނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު އެކުލަވާލުމަށް ބޭނުންވާ މެޖޯރިޓީ އަދި ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ގަވަރުނަރު ވަނީ 118 މެމްބަރުންގެ ތާއީދު އޮތްކަމުގެ ހެކި ހުށަހެޅުމަށް ވިޖޭއަށް އަންގަވާފައެވެ.

ގަވަރުނަރުގެ މި ނިންމެވުމާ ގުޅިގެން ޓީވީކޭގެ ލީޑަރުންނާއި ގުޅިފައިވާ ޕާޓީތަކުން ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް މުޙައްލިލުން ބުނާގޮތުގައި ގަވަރުނަރު އިސްކަންދެއްވަނީ އެސެމްބްލީގައި މެޖޯރިޓީ ސާބިތުކޮށްދެވޭނެ ވަރުގަދަ ސަރުކާރެއް އެކުލަވާލުމަށެވެ.

ބައެއް ޤާނޫނީ މާހިރުން ދެކޭގޮތުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށް ސަރުކާރު އެކުލަވާލުމަށް ދައުވަތު ދީ، މެޖޯރިޓީ ސާބިތުކުރުމަށް ވަގުތު ދިނުމަކީ އާންމުކޮށް ކުރާ ކަމެކެވެ. އަދި ވިޖޭއަށް އެ ފުރުޞަތު ނުދިނުމަކީ ބޭއިންސާފެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ވިޖޭގެ މި ކާމިޔާބީ ގުޅުވަނީ 1977 ވަނަ އަހަރު ޑީއެމްކޭ އިން ވަކިވެ އަމިއްލަ ޕާޓީއެއް (އޭއައިއޭޑީއެމްކޭ) އުފައްދަވައި ޗީފް މިނިސްޓަރުކަން ހޯއްދެވި މަޝްހޫރު ފިލްމީ ތަރި އެމްޖީ ރާމަޗަންދުރަންގެ ކާމިޔާބީއާއެވެ. ވިޖޭގެ ޕާޓީން ވަނީ ޒަމާންތަކެއް ވަންދެން ވެރިކަންކުރަމުން އައި ޑީއެމްކޭ އަދި އޭއައިއޭޑީއެމްކޭގެ ބާރު ކަނޑުވާލައި، މިފަހަރުގެ އިންތިޚާބުގައި އެންމެ ބޮޑު ޕާޓީގެ މަޤާމު ހޯދާފައެވެ.

މިހާރު މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ވާދަވެރި ޑީއެމްކޭ އަދި އޭއައިއޭޑީއެމްކޭ ގުޅިގެންވެސް ސަރުކާރެއް އެކުލަވާލުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކުދި ޕާޓީތަކާއި އަމިއްލަ މެމްބަރުންގެ ތާއީދާއެކު 118 ގޮނޑި ހަމަކޮށް ވިޖޭއަށް ސަރުކާރު އެކުލަވާލެވޭނެ ކަމަށްވެސް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ތަމަޅަ ނާޑޫގައި ފިލްމީ ތަރިން ސިޔާސީ މައިދާނަށް ނުކުތުމަކީ އާ ކަމެއް ނޫނެވެ. އުމުރުން 51 އަހަރުގެ "ތަލަޕަތީ" ވިޖޭ ވަނީ 69 ފިލްމު ކުޅެފައެވެ. އަދި 2024 ވަނަ އަހަރު ޓީވީކޭ އުފެއްދުމަށްފަހު، ސިޔާސީ ދާއިރާއަށް ވަގުތު ހުސްކުރުމަށްޓަކައި އޭނާ ވަނީ ފިލްމީ ދާއިރާއިން ދުރަށްދާނެކަން އިޢުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.