އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުތައް ކްލަބް ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓްރީ ކާމިޔާބުކޮށްފިއެވެ.
ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ ނުކުތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މި މެޗު ވެލެންސިއާ އިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. އަދި ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ޔުނައިޓެޑް ވިކްޓްރީ ވަނީ 0-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.
ވެލެންސިއާ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގައި ވެލެންސިއާއިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގްރީން ސްޓްރީޓްސް އިން ވެލެންސިއާ އަށް ބަދަލުވި ޢަބްދުﷲ ޔާމީންއެވެ.
ލީގުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޔޫވީގެ ބިދޭސީ ކުޅުންތެރިޔާ އިވާން ވެރަސް ވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ.
ދިވެހި ޕްރިމިއާ ލީގުގައި މާދަމާވެސް 2 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސްއެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ޓީސީއެވެ.
ކޮމެންޓު ފޮނުވާ