ހުޅުމާލޭ ހުސްބިންތަކުގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް ފަހުގެ މުހުލަތުދީފި

ހުޅުމާލޭ ހުސްބިންތަކުގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް ފަހުގެ މުހުލަތުދީފި

ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައިވާ ހުސް ބިންތަކުގައި ޤަވާއިދާއި ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އެންމެ ފަހު މުހުލަތު އެޗްޑީސީން ދީފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ހާބަރ 1، ހާބަރ 2 އަދި ޗެނަލް 2 ޕްރޮޖެކްޓް ފެއްޓުމަށްޓަކައި، ބިން ހުސްކޮށް ކޮންޓުރެކްޓަރާއި ހަވާލުކުރުމުގެ މަސައްކަތް މާރޗު މަހު ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެޗްޑީސީން ވަނީ ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި އެޗްޑީސީގެ ހުއްދަނެތި ޤަވާއިދާ ޚިލާފަށް ތަކެތި ބަހައްޓައި ބިން ބޭނުންކުރުމަކީ މަނާކަމެއްކަމާއި، ހުއްދަނެތި ހުސްބިންތަކުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތްތަކުން، 18 ޖެނަވަރީ 2012 ވާ އަންގާރަ ދުވަހުގެ ކުރިން އެތަކެތި އެބިންތަކުން ނެގުމަށް އަންގާފައެވެ.

ނަމަވެސް، ބައެއްފަރާތްތަކުން އިޢުލާނާއި އެއްގޮތަށް ބިންތަށް ހުސްކޮށްފައި ނެތުމުގެ ސަބަބުން ޕްރޮޖެކްޓްތަށް ފެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެެވެ.

އެކުންފުނިން ބުނެފައިވަނީ 27 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހު މިބިންތަށް ސާފުކުރުމުގެ މަސައްކަތް ފައްޓާނެކަމާއި، މިބިންތަކުގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތްތަކުން، މިމުއްދަތުގެ ކުރިން އެތަކެތި ނެންގެވުމަށް ދަންނަވާކަމަށެވެ. އަދި ދެންނެވުނު މުއްދަތުގެ ފަހުން އެބިންތަކުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ އެތަކެތީގެ ވެރިފަރާތްތަކުން ބޭނުންނެތިގެން ދޫކޮށްލާފައިވާ ތަކެތިކަމުގައިބަލައި، އެތަކެއްޗާމެދު ފެންނަގޮތަކަށް އަމަލުކުރެވޭނެކަމުގައެވެ. އަދި މިމަސައްކަތުގައި ތަކެއްޗަށް ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް އެޗްޑީސީން ޒިންމާ ނުވާނޭކަމަށް ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *