ބައިޑްންއާއި ބައްދަލު ކުރުމަށް އަދި ނިންމާފައެއް ނެތް: ރަޝިއާ

ބައިޑްންއާއި ބައްދަލު ކުރުމަށް އަދި ނިންމާފައެއް ނެތް: ރަޝިއާ

Author
ހުސެއިން
21 ފެބްރުއަރީ 2022 07:10
0

ޔޫކުރެއިންގެ މައްސަލަ ފިނިކުރުމަށްޓަކާއި، ރަޝިއާގެ ރައީސް ލާޑިމިރި ޕުޓިންއާއި އެމެރިކާގެ ރައީސް ޖޯ ބައިޑްންއާއި ދެމެދު ސުލްހައިގެ ސަމިޓެއް ބޭއްވުމަށް އެމެރިކާއިން އާބަސް ބުނެފައި ވަނިކޮށް، މިފަދަ ސަމިޓެއް ބޭއްވުމުގެ ހަރުދަނާ ޕްޕޭނެއް އަދި ހެދިފައި ނެތްކަމަށް ރަޝިއާއިން ބުނެފިއެވެ.

ކްރެމްލިންގެ މި ސްޓޭޓުމަންޓާއެކު، ޔޫކުރެއިން މައްސަލާގައި އުފެދިފައިވާ ނުތަނަވަސްކަން ފިނިކުރުމަށްޓަކާ އެންމެ މަތީ ފަންތީގައި މަޝްވަރާ ބައްދަލުވުން ބޭއްވިގެންދާނެ ކަމަށް ކުރެވެމުން އައި އުއްމީދުތަކަށް ވަނީ އަނެއްކާވެސް ފަނޑުކަން އައިސްފައެވެ. އަދި ދެ ރައިސުންގެ މެދުގައި ސުލްހައިގެ ސަމިޓެއް ބޭއްވުމަށް ހަރުދަނާ ޕްލޭންއެއް ކުރެެވިފައި ނެތްކަމަށް ރަޝިއާއިން ބުނެފައި މިވަނީ، ފްރާންސްގެ ރައީސް އެމަނޫލް މެކްރޮން ރަޝިއާގެ ރައީސާއި ފޯނުން ގުޅުއްވާ މަސްވަރާ ކުރެއްވުމަށް، މިފަދަ ސަމިޓަކަށް ރަޝިއާއިން ތައްޔާރަށް އޮތްކަން ހާމަކޮށް، އަދި ޖޯ ބައިޑްން މިފަދަ ސަމިޓަކަށް އާބަސް ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.

ފްރާންސްގެ ރައިސްވަނީ އިއްޔެގެ ވަގުތެއްގައި ރަޝިއާގެ ރައީސާއި ފޯނުން ގުޅުއްވާ، ޔޫރަޕްގެ ސަލާމަތާއި ހަމަޖެހުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ފަރާންސްގެ ރައީސް ރަޝިއާއި އެމެރިކާގެ ރައީސުންނާއި ފޯނުން ގުޅާ ވާހަކަ ދެއްކެވުމަށްފަހު، އެމެރިކާއިން ބުނެފައިވަނީ، ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާދީ އެގައުމަށް ނާރާހާ ހިނދަކު މިފަދަ ސަމިޓަކަށް ބައިޑްން އެއްބާރުލުން ދެއްވާނެ ކަމުގައެވެ. އަދި ރަޝިއާގެ ރައީސް ޕުޓިން ވަނީ، މައްސަލަ ހައްލު ކުރުމަށް ކުރިޔަށްދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުވަރުގަދަ ކުރަންޖެހޭކަމަށް ވިދާޅު ވެފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާދޭން ހުރިހާ ގޮތަކުންވެސް ތައްޔާރު ވެފައިވާކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަމުންދާއިރު، ރަޝިއާއިން މިއަދުވަނީ، އެގައުމުގެ ބޯޑަރު ހުރަސްކޮށް ޔޫކުރެއިން ގުރޫޕަކުން ރަޝިއާ ފަޅިއަށް އަރަން މަސައްކަތް ކޮށްފައި ވާކަމަށާއި، އަދި 5 މީހަކު މަރުވެފައި ވާކަމަށެވެ.

އެހެންނަމަވެސް ރަޝިއާގެ މިތުހުމަތު ޔޫކުރެއިން ވަނީ ދޮގު ކޮށްފައެވެ. އަދި ބުނެފައިވަނީ މިއީ ފޭކް ޚަބަރެއް ކަމަށާއި، ސަބަބަކީ، މިހާދިސާ ހިނގިކަމަށް ބުނާ ދެކުނު ހުޅަނގުގެ ރޮސްޓޯވް ސަރަހައްދަގީ ޔޫކުރެއިންގެ ސިފައިން ގާއިމްވެ ތިބި ސަރައްހައްދޭ ނޫންކަމުގައެވެ.

ރަޝިއާއިން ޔޫކުރެއިންގެ ވަށައިގެން 190،000 ސިފައިން ޖަމާކޮށްފައި ވާއިރު، ރަޝިއާ ސިފައިން އެގައުމަށް އަސްކަރީ ހަމަލާދޭން މިހާރު ފުރިހަމަޔަށް ތައްޔާރު ވެފައި ވާކަމަށާއި، އަދި ރަޝިއާގެ ރައީސް ޕުޓިން، ޔޫކުރެއިންއަށް އަސްކަރީ ހަމަލާ ދިނުމަށް މިހާރު ނިންމާފައި ވާކަމަށް، އިންޓެލިޖެންސްއާއި ހަވާލާދީ އެމެރިކާގެ ރައީސް ޖޯބައިޑްންވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދޭން މިހާރު ތައްޔާރުވެފައި ވާކަމަށް ހުޅަގުގެ ގައުމުތަކުން ބުނަމުން ދާއިރު، ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ނުދިނުމަށްވެސް ދުނިޔޭގެ ގައުމުތަކުން ދަނީ ރަޝިއާއަށް އިންޒާރު ކުރަމުންނެވެ. މިގޮތުން އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން ބުނަމުން ދަނީ، ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދީފި ހާލަތެއްގައި، ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެގައުމާ ދެކޮޅަށް އެޅުމަށް މިހާރު ހުރިހާ ތައްޔާރީތައް ކޮށް ނިންމާފައި ވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.