ސައުދީ އަންހެން ފުޓުބޯޅަ ޓިމު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މެޗަކުން މޮޅުވެއްޖެ

ސައުދީ އަންހެން ފުޓުބޯޅަ ޓިމު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މެޗަކުން މޮޅުވެއްޖެ

Author
ހުސެއިން
21 ފެބްރުއަރީ 2022 06:39
0

ސައުދީ އަރަބިއާގެ އަންހެން ފުޓުބޯޅަ ޓީމު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މެޗަކުން މޮޅު ވެއްޖެއެވެ. ސައުދީގެ ޓީމު މޮޅުވެފައިވަނީ، އާދީއްތަ ދުވަހު، ދިވެހިރާއްޖޭގައި، ގަލޮޅު ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މެޗްގައި 2-0 އިން ސީޝެލް ބަލި ކޮށްގެންނެވެ.

މި މެޗަކީ ރާއްޖޭގެ ސްޓޭޑިއަމްގައި ކުރިޔަށްދާ ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗްތަކުގެތެރެއިން މެޗެކެވެ.

މި މެޗްގައި ފުރަތަމަ 14 މިނިޓްގެ ތެރޭގައި، ފުރަތަމަ ގޯލް ޖަހާފައިވަނީ ސައުދީ އަންހެން ޓީމުގެ އަލް ބަންދަރި މުބާރަކްއެވެ. އަދި އޭނާ ވެގެންދިޔައީ ސައުދީ އަންހެން ޓީމަށް އެންމެ ފުރަތަމަ ގޯލެއް ކާމިޔާބު ކޮށްދިން ކުޅުންތެރިއާ އަށެވެ.

ސައުދީ ޓީމަށް ދެވަނަ ގޯލް ކާމިޔާބު ކޮށްދީފައިވަނީ، ލިބުނު ޕެނަލްޓީއަކުން އެޓީމުގެ މަރިއަމް އަލް ތަމީމީ އެވެ.

ސައުދީ އަންހެން ފުޓުބޯޅަ ޓީމު މި މެޗްތަކަށް ތައްޔާރުވުމުގެ ގޮތުން ތަމްރީންތައް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 14ވަނަ ދުވަހު ސައުދީގެ ޖިއްދާގައެވެ. އަދި އެއަށްފަހު ދެވަނަ ޓްރެއިނިން ފޭސް ފަށާފައިވަނީ ޖެނުއަރީމަހު ރިޔާދުގައެވެ. އަދި މި ޓްރެއިންގ ޕްރޮގްރާމްގެ ތިންވަނަ ފޭސްއަށް ސައުދީ ޓީމް އައިސްފައިވަނީ ރާއްޖެއަށެވެ.

ސައުދީ އަންހެން ޓީމު އަންނަ ބުރާސްފަތި ދުވަހު ވަނީ ދިވެހިން އަންހެން ފުޓުބޯޅަޓީމާއި ދެކޮޅަށް ގަލޮޅު ދަނޑުގައި މެޗެއް ކުޅުމަށް ހަމަޖެހިފައެވެ.

ސައުދީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗު މޮނިކާ ސްޓާބު ވިދާޅުވެފައިވަނީ މިއީ ތާރީޚީ މޮޅެއްކަމުގައެވެ. "މިއީ ސައުދީ އަންހެން ބުޓުބޯޅައަށް ތާރީޚީ ވަގުތުކޮޅެއް،" އޭނާ ވިދާޅުވެފައި ވެއެވެ.

ސީޝެލްއާއި ދެކޮޅަށް ސައުދީ އަންހެން ޓީމު ހޯދު ކާމިޔާބީއަށް ސައުދީ ފުޓުބޯޅަ ފެޑެރޭޝަންގެ ވިމެންސް ފުޓުބޯޅަ ޑިޕާޓްމަންޓުންވެސް ވަނީ މަރުހަބާ ކިޔާފައެވެ. އަދި އޭގެ އިތުރުން ފުޓުބޯޅަ ލެޖެންޑް ޕެލޭވެސް ވަނީ ސައުދީ އަންހެން ފުޓުބޯޅަ ޓީމަށް މަރުހަބާ ކިޔާފައެވެ. "މިއަދަކީ ތާރީޚީ ދުވަހެއް، ހަމަ އެކަނި ސައުދީ އަރަބިއާ އަކަށް ނޫން، ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށްވެސް،" ޕެލޭ ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.