ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޕޮލިސް ބޯޑަށް ހާޒިރުވުމަށް އަންގައިފިއެވެ.
މިއީ ސީޕީ ހަމީދު ޕޮލިސް ބޯޑަށް ހާޒިރު ކުރާ ފުރަމަފަހަރެވެ. ސީޕީ ޕޮލިސް ބޯޑަށް ހާޒިރު ކުރަނީ މާލެ އާއި މާލެ އަތޮޅުގެ ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކު، އެ އޮޕަރޭޝަންގެ ތެރޭގައި އިޖުރާއަތެއް ގޯސްކޮށް ހިންގާފައިވާ ކަމަށް ބެލެވޭތީ އެކަން ބަލައިދިނުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ޕޮލިސް ބޯޑަށް މައްސަލަ ހުށަހެޅުއްވުމުންނެވެ.
ޕޮލިސް ބޯޑަށް ހާޒިރުވާން ސީޕީއަށް އަންގާފައިވަނީ މާދަމާ މެންދުރު ދޭއް ޖަހާއިރަށެވެ.
ފުލުހުންގެ އާ ގާނޫނުގައި ބުނެފައިވާ ގޮތުން، ފުލުހުންގެ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތަކީ ޕޮލިސް ބޯޑެވެ. ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ. ކޮންމެ ޕޮލިސް ބޯޑެއްގެ ދައުރުގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ.
ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ހަތް މެންބަރުންނެވެ. ޕޮލިސް ބޯޑަށް މެންބަރުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކޮމެންޓު ފޮނުވާ