އަމާޒަކީ ހަރުދަނާ އެޑިއުކޭޝަނަލް ޕޮލިސީއެއް ތަންފީޛުކޮށް، 2025 ވަނަ އަހަރާހަމައަށް 50-60 އިން ސައްތަ ގްރޭޖުއޭޓުންނަށް އިތުރުކުރުން ކަމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި “ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ ތިން ވަނަ ބެޗް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ފާހަގަކުރެއްވީ ކޯވިޑް-19 ގެ ޙާލަތުގައިވެސް ކޯހުގެ މުއްދަތުގައި މި ކޯސް ނިންމިކަމެވެ. މުވައްސަސާއެއްގެ ޙަޔާތުގައި އެ މުވައްސަސާގެ ކެޕޭސިޓީއަށް ބަލާއިރު، ޢިލްމީ، ހުނަރުވެރި ބަޔަކު ތިބުމަކީ އެ މުވައްސަސާއަކަށް އާކަން ލިބިގެންދާ ކަމައްކަމަށާއި އޭގެ ސަބަބުން ކޮމިޝަނަރގެ ހިތްޕުޅަށް އުފާވެރިކަން އިޙްސާސްކުރެވޭކަމަށް ވިދާޅުވިއެވެ.
އަދި ޢެންމެ އެދެވޭ ގޮތުގައި މި ކޯސް ކުރިއަށް ނުގެންދެވުނު ނަމަވެސް ދިމާވެފައިވާ ދަތިތަކާއި ޙާލަތާއެކުގައިވެސް 14 ދަރިވަރުން މި ކޯހުން ދަސްވެނިވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ފާހަގަކުރައްވައި، އައިކޯސްޓއިން ކޮށްދެއްވާ އަގުހުރި މަސައްކަތަށާއި އެމްސީއެސްގެ އެކި ރޮނގުތަކުން މަތީ ތަޢުލީމް ހާޞިލުކުރައްވައިގެން ތިބި ފަންނީ މުވައްޒަފުންގެ ތެރެއިން މި ކޯހުގެ މުދައްރިބުންނަށް ކޮމިޝަނަރ ޝުކުރުއަދާކުރެއްވިއެވެ.
ކުރީގެ މެނޭޖްމަންޓްއިން އައިކޯސްޓްގެ މަސައްކަތްތައް ރާވާފައިވާ ގޮތަށް އަލިއަޅުއްވާލައި ވިދާޅުވީ އޭގެ ސަބަބުން މިހާރު އައިކޯސްޓްގައި ތަޢުލީމީ އަދި ޤާބިލް 10 މުވައްޒަފުން ތިބި ކަމަށާއި، ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި މުވައްޒަފުންނަށް 23 ކޯހެއް ހިންގައި، 360 މުވައްޒަފުންނަށް ފުރުޞަތުދީ، އޭގެ ތެރެއިން 138 މުވައްޒަފުން ކޯސްތައް ފުރިހަމަކޮށްފައިވާކަމަށެވެ.
އަދި މަދު މުވައްޒަފުންކޮޅަކާއެކު ކުރަމުންދާ ބުރަ މަސައްކަތަށް ކޮމިޝަނަރ ޝުކުރުއަދާކުރެއްވިއެވެ. އަދި އެމްސީއެސްގެ ކެޕޭސިޓީ ބިލޑިންގއަށް ތަޢުލީމުގެ މުޙިއްމުކަމަށް އަލިއަޅުއްވާލައްވައި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިކުރުމާބެހޭގޮތުން ވާހަކަދައްކަވަމުން ފާހަގަކުރެއްވީ މިހާރުވެސް 28 އިން ސައްތަ ގްރެޖުއޭޓުންނާއި އެކި ސެޓްފިކެޓްގެ އެކި ލެވެލް ހަދާފައިވާ 62 އިން ސައްތަ މުވައްޒަފުންނާއި 10 އިން ސައްތަ އޯލެވެލް ފެންވަރުގެ މުވައްޒަފުން އެމްސީއެސްގައި މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެމްސީއެސްގެ އަމާޒަކީ ހަރުދަނާ އެޑިއުކޭޝަނަލް ޕޮލިސީއެއް ތަންފީޛުކޮށް، 2025 ވަނަ އަހަރާހަމައަށް 50-60 އިން ސައްތަ ގްރޭޖުއޭޓުންނަށް އިތުރުކުރުން ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.
މިކޯސް ފުރިހަމަކުރި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. މި ކޯހުގައި ކިޔަވާދެއްވާފައިވަނީ ކަރެކްޝަނަލް މެނޭޖްމަންޓްގެ އެކި ދާއިރާތަކާ ގުޅުންހުރި ބެޗްލަރސް ޑިގްރީއިން މަތި ހާޞިލްކޮށްފައިވާ އައިކޯސްޓްގެ މުދައްރިބުންނާއި އެމްސީއެސްގެ މުވައްޒަފުންނެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ރަސްމީކޮށް ފަށާފައިވަނީ 2021 ޖަނަވަރީ 10 ގައެވެ. މި ކޯހުގެ ތިން ވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަކޮށް 28 އޮފިސަރުން ވަނީ ބައިވެރިވެފައިވާއިރު، މި ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 14 މުވައްޒަފުންނެވެ. އެކި ސަބަބުތަކާ ގުޅިގެން ހަ ދަރިވަރަކު ވަނީ މި ކޯހުން ވަކިވެފައެވެ.