ކުށްކުރާ މީހުންގެ ނިސްބަތްގިނަ، ބޮޑު ބަދަލެއް ގެންނަންޖެހޭ: އިމްރާން

ކުށްކުރާ މީހުންގެ ނިސްބަތްގިނަ، ބޮޑު ބަދަލެއް ގެންނަންޖެހޭ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2022 04:10
0

ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމާއި އެއީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި “ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ ތިން ވަނަ ބެޗް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ އިމްރާން ވިދާޅުވީ އިންސާނުގެ ޙަޔާތުގައި ލިބޭ ޢެންމެ ބޮޑު އެއް ކާމިޔާބާއި ކުރިއެރުމަކީ ޢިލްމުގެ މަރުޙަލާތަކުގައި ދަތުރުކުރުމަށް ލިބިގެންދާ ފުރުޞަތުތައް ކަމުގައިއެވެ.

ޢިލްމާ ގުޅުން ހުރި މިސާލެއްގެ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމަންޓްއިން ޑިޕްލޮމާ ހާޞިލްކޮށްގެން ނިކުންނަނީ ރާއްޖެއަށް ޢެންމެ މުޙިއްމު އަދި ބޭނުންތެރިވެފައިވާ ދާއިރާކަމަށާއި ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސްއިން ބެލެހެއްޓުމަށްފަހު، މުޖްތަމަޢުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މުޙިއްމު މަސައްކަތަށް އެޅޭ މުޙިއްމު ފިޔަވަޅެއް ކަމުގައި އަދި މި ކަމަށް ޢިލްމު އުނގެނި ދަސްކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމާއި އެއީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށާއި އެކަން ކުރުމަށް ތިބީ އެމްސީއެސްގެ ޢެންމެ މަތިން ފެށިގެން މަސައްކަތްކުރާ މުވައްޒަފުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ޢިލްމުގެ މުޙިއްމުކަމަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ޢިލްމު އުނގެނުމުގެ ސަބަބުން ކާމިޔާބީ ލިބިގެންދިއުމުގެ އިތުރުން ދެ ދުނިޔޭގެ މަތިވެރިކަމާއި ޝަރަފާއި ޢިއްޒަތް ލިބޭނެކަމަށެވެ. އަދި މި ކޯހުގެ ކުރީގެ ދެ ބެޗާއަޅާ ބަލާއިރު މި ބެޗްގެ ދަސްވެނިން ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކުރައްވައި، ކޯސްތަކުގައި ބައިވެރިވާ ދަރިވަރުން ކޯސް ފުރިހަމަކުރާ ނިސްބަތް 80 އިން ސައްތަ އިތުރުކުރުމަށް މަސައްކަތްކުރުމަށް ހިތްވަރުދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.