ފެނަކައިގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެނަކައިން އިންޖީނު ހިންގާ ކޮންމެ ރަށަކުން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރަމުން އަންނަކަމަށާއި އެގޮތުން މިފްކޯ އިތުރަށް ފުޅާކޮށް ތަރައްޤީކޮށް، ފެލިވަރަށް މަސްގަނެ ސްޓޯރކޮށް ދަޅުގައި ބަންދުކުރެވޭ ކެޕޭސިޓީ އިތުރުކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އައިސް ނުލިބުން ފަދަ ނައިފަރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލުތަކެއް ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުށްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.