ކޭން ޖަހައިދިން ލަނޑުން މޮޅުވެ ޓޮޓެންހަމުން ސިޓީ ބަލިކޮށްފި

ކޭން ޖަހައިދިން ލަނޑުން މޮޅުވެ ޓޮޓެންހަމުން ސިޓީ ބަލިކޮށްފި

Author
ޔޫސުފް
20 ފެބްރުއަރީ 2022 02:19
0

ހެރީ ކޭން އިތުރު ވަގުތުގައި ކާމިޔާބުކޮށްދިން ލަނޑު މޮޅުވެ ޓޮޓެންހަމުން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ޓޮޓެންހަމުން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ޓޮޓެންހަމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 4 ވަނަ މިނެޓުގައި އުފެއްދި ކައުންޓަރ އެޓޭކެއްގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޑޭޖާން ކުސުލެވްސްކީއެވެ. ޓޮޓެންހަމުން ލަނޑު ޖަހާ ލީޑު ނެގިފަހުން ސިޓީން ވަނީ ކުރިޔަށް ޖެހިގެން ކުޅެ ޓޮޓެންހަމް ކޮޅަށް ލަނޑެއް ޖެހުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން މި މަސައްކަތް ކާމިޔާބުކުރެވުނީ މެޗުގެ 33 ވަނަ މިނެޓުގައި ގުންޑޮގާން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

1-1 ގެ ނަތީޖާއަކުން ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފް ފަށައިގެން ޓޮޓެންހަމުން ވަނީ ސިޓީއަށް ދޫދިނުމެއް ނެތި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ދެވަނަ ފަހަރަށް ޓޮޓެންހަމަށް ލީޑު ނަގައިދިން ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހެރީ ކޭންއެވެ. 1-2 ގެ ނަތީޖާއަކުން މެޗު ނިމެން ދަނިކޮށް ސިޓީއަށް ވަނީ ފަހު ވަގުތު ޕެނަލްޓީއެއް ލިބިފައެވެ. މިއީ އެރިއާ ތެރެއިން ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، ރިޔާދު މާރޭޒްއެވެ. މި މެޗުން ޓޮޓެންހަމް މޮޅުވި ލަނޑު އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބުކޮށްދިނީ، ކުސުލެވްސްކީ ނެގި ހުރަހަކުން ކޭންއެވެ.

މި މެޗުން ބަލިވުމާއެކު ސިޓީއަށް ވަނީ އެއްވަނައިގައި 9 ޕޮއިންޓަށް ލީޑު ފުޅާކުރަން ލިބުނު ފުރުޞަތު ގެއްލިފައެވެ. ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލަށް ވުރެއް 1 މެޗު އިތުރަށް ކުޅެގެން ސިޓީ އެއްވަނައިގައި އޮތީ 63 ޕޮއިންޓާއެކުއެވެ. މި މެޗުން މޮޅުވި ޓޮޓެންހަމް އޮތީ 23 މެޗުން ލިބުނު 39 ޕޮއިންޓާއެކު 7 ވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ވެސްޓް ހޭމް ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މީގެ އިތުުރުން އާސެނަލުން ވަނީ މިރޭ 2-1 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ. އަދި ރެލިގޭޝަން ޒޯނުގައި އޮތް ވަޓްފޯޑުން 1-0 އިން އެސްޓަން ވިލާ ބަލިކުރިއިރު، ބްރައިޓަން އިން ވަނީ 0-3 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށް ބޮޑު މޮޅެއް ހޯދާފައެވެ. އަދި ސައުތެމްޓަނުން ވަނީ 2-0 އިން އެވަޓަން ބަލިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.