އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް މޮޅަކުން ލީގު ފެށިއިރު، ކްލަބް އީގަލްސް އިން ފަހަތުން އަރައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.
މިއަދު ހަވީރު މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗު މާޒިޔާއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. އަދި މިރޭ ޓީސީގެ މައްޗަށް ފަހަތުން އަރައި އީގަލްސް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.
މާޒިޔާ އާއި ސަސް ވާދަކުރި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު އެޓީމުން ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ހަމްޕު ދިން ޕާހަކުން ކޯނޭއެވެ. މިއީ މާޒިޔާގެ ކޯޗު ކަމުން މޯހަން ވަކިކުރުމަށްފަހު ސާބިއާގެ މަޔޮޑްރަގް ޖެސިކް މާޒިޔާގެ ކޯޗުގެ ކަމުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.
ލީގުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. މި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީއަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ސާމިއުއެވެ. 0-1 ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެން މެޗު ނިމެން ދަނިކޮށް ދެވަނަ ހާފްގެ އިތުުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓުގެ ތެރޭގައި އީގަލްސް އިން ވަނީ 2 ލަނޑު ޖަހާ ޓީސީ ސިއްސުވާލުމަށްފަހު މެޗު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ ނަތީޖާ އީގަލްސް އަށް ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަޙުމަދު ރިޒުވާންއެވެ. އަދި މި މެޗުން އީގަލްސް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ހަފްތާގެ ކުޅުން މިއަދު ނިމުނުއިރު، ދެވަނަ ހަފްތާގެ މެޗުތައް އޮންނާނީ އަންނަ ހޯމަ އަދި އަންގާރަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ