ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް މަޤާމުތަކަކީ ދިހަ، ބާރަ އަހަރު ވާއިރުވެސް އިންތިޚާބެއް ނުބާއްވައި، އަދި އިންތިޚާބެއް ބާއްވާނެ ޖާގަވެސް ނުދީ ހުރި މަޤާމުތަކެއް ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ތެރެއިން ޗެއާޕާސަންގެ މަޤާމަށް ވާދަ ކުރައްވާ އިންތި، އިއްޔެ ވަނީ 10 އަހަރަށްފަހު އެމްޑީޕީގެ ސްޕޯކްސް ޕާސަންގެ މަޤާމުން އިސްތިއުފާ ދީފައެވެ. މޫސަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސްޕޯކްސް ޕާސަންގެ މަޤާމުވެސް ހުސްވީ 10 އަހަރަށްފަހު އެމަޤާމު ފުރުއްވާ ބޭފުޅާ އިސްތިއުފާ ދެއްވުމުންކަމަށެވެ. އަދިވެސް އެމްޑީޕީގައި އިންތިޚާބު ނުބާއްވައި، ބާއްވަން ޖާގަވެސް ނުދޭ ބައެއް މަޤާމުތައް ހުރިކަން މޫސަވަނީ ފާހަގަ ކުރައްވާފައެވެ.
MDP ގެ ހިންގުމަށްބަދަލުތަކެއް އަންނަތަންއެބަފެނޭ. 10 އަހަރު ވަންދެން ސްޕޯކްސްޕަރސަންގެ މަޤާމް ފުރުމަށްފަހު އެމަޤާމްވެސް ހުސްވީ އިސްތިއުފާދީގެން. ހުރިމީހާ އަމިއްލައަށް ދުރުވީމަ. އަދިވެސް ބައެއް މަޤާމްތަށްއެބަހުރި ދިހަ ބާރައަހަރު އިންތިޚާބެއް ނުބާއްވާ ބޭއްވިޔަނުދީ.
– މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ރައްޔިތުންގެ ފައިސާއިން ހިންގާ ޕާޓީތަކަކަށްވާއިރު، ޕާޓީތަކުން ކުރާ ޚަރަދު ފެންނަން ހުންނަން ޖެހޭނެކަމަށެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު ހުސްވެގެން ދިޔައިރު، ޕާޓީގެ މެމްބަރުންނަށް ލިބުނު ފައިސާއާއި، ޚަރަދު ކުރެވުނު ވަރުގެ ތަފްސީލް އޮޑިޓެއް ފެންނަން އޮންނަން ޖެހޭކަމަށެވެ. އަދި ޕާޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންވެސް މެމްބަރުންނަށް ހާމަކޮށްދޭންޖެހޭކަމަށެވެ.
ޕާޓީއެއްޤެ ޗެއަރބަދަލުވެ އާއިންތިޚާބެއް ބާއްވާއިރު ޕާޓީގެ ހުރިހާ މެމްބަރުންގެނަމުގާ ލިބުނު ފައިސާއާއި ޚަރަދުގެ ތަފްސީލްއޮޑިޓެއް ހެދުމަށްފަހު އާއްމު މެމްބަރުންނަށް އެނގެންޖެހޭ. ޕާޓީތަކުގެ ވެރިންގެ މާލީބަޔާންވެސް މެމްބަރުންނަށް ހާމަކުރަން ޖެހޭ.
– މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ މުހިންމު މަޤާމުތަކަކަށް އިއުލާންކޮށްފައިވާއިރު، މިއނިްތިޚާބަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގައި އޮތް ބާރުވެރިކަން ނެތިދާނެކަމުގެ ބިރު އޮތް އިންތިޚާބެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މިހާތަނަށް އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ރައީސް ނަޝީދުގެ ކޮންޓްރޯން އޮންނަ ބޭފުޅުންނަށް ވީނަމަވެސް، މިއިންތިޚާބަށްފަހު އެކަން ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ