އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މިފަަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ އުރީދޫއެވެ. އުރީދޫ އަކީ ދިވެހި ޕްރިމިއާ ލީގު ތައާރަފްކުރި އަހަރު ކަމަށްވާ 2015 ވަނަ އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ވެސްމެއެވެ. އޭގެ ފަހުން 2017 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ލީގުގެ މެއިން ސްޕޮންސަރަކީ އުރީދޫއެވެ. އަދި އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރއަކަށް ހަމަޖެހިގެންދިޔައީވެސް އުރީދޫކަން ފާހަގަކޮށްލެވެއެވެ.
ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ގްރީން ސްޓްރީޓްސް އިންނެވެ. މި ލަނޑަކީ މެޗުގެ 9 ވަނަ މިނެޓުގައި ގްރީން އަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކެޕްޓަން ރިލްވާން ވަހީދު ކާމިޔާބުކޮށްދިން ލަނޑެކެއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ދަ ގްރާންޑޭއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މުހައްމަދު އާކިބް މުހައްމަދު ފައިޒަލްއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދުއެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީއެވެ.
ކޮމެންޓު ފޮނުވާ