ބޮޑީ ވޯން ކެމެރާގެ ސަބަބުން އެންމެ މުހިންމު މަންފާއެއް ކުރާ އެއްބަޔަކީ ސީދާ ޙާލަތާ ބައްދަލުވާ ރައްޔިތު މީހާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާ މި ދުވަހަކީ ޕޮލިސް ރިފޯމްގެ މުހިންމު ހަރުފަތްތަކުގެ ތެރެއިން ވަރަށް އުސް ހަރުފަތަކަށް އެރިގެންދާ ދުވަހެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު މިފެށިގެންދާ މުހިންމު ޕްރޮޖެކްޓަކީ ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިގެންވާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން ފަށައިގަތް މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ.
މިއަދު މި އިފްތިތާޙް ކުރެވިގެންދާ ބޮޑީ ވޯން ކެމެރާގެ ސަބަބުން އެންމެ މުހިންމު މަންފާއެއް ކުރާ އެއްބަޔަކީ ސީދާ ޙާލަތާ ބައްދަލުވާ ރައްޔިތު މީހާ ކަމަށާއި އެއާއެކު ކުރިމަތިލާ އޮފިސަރަށްވެސް ރައްކާތެރިކަން ލިބިގެންދާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ މިއީ ރައްޔިތުންނާ ފުލުސް އޮފިސަރަށްވެސް ރައްކާތެރިކަން ލިބިގެންދާނެ މުހިންމު ވަސީލަތަކަށް މި ވަސީލަތް ވެގެންދާނެ ކަމަށެވެ.
ފުލުހުންގެ މައްޗަށް ވަކިވަކި ހާލަތްތަކުގައި ކުރެވޭ ތުހުމަތުތަކާއި ދިއްކުރެވިގެންދާ އިނގިލިތަކަށް ސާފު ޙައްލެއް މިކަމުގެ ސަބަބުން ހޯދައިދެވިގެންދާނެ. މައްސަލައިގެ ހަގީގަތް ހާމަވެ އެކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތަކީ ކޮބައިކަން ވަރަށް ރީތިކޮށް ބުނެދޭނެ.
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދުވިސައްތަ ވަރަކަށް ކެމެރާއިން ފެށުމަކީ އަދި މިހުރިހާ ޙާލަތަކަށް އަދި އެންމެ ރަނގަޅު ގޮތަކަށް ވެގެން ނުދާނެ ކަމަށާއި ދެން ހަމަ ކޮންމެ ކަމެއް ދިމާވާއިރަށް ބޮޑީ ވޯން ކެމެރާގެ ސުވާލު ރައްޔިތުންގެ ފަރާތުން އަންނާނެކަން ތަޞައްވަރު ކުރެވޭ ކަމަށެވެ.
ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ހުރިހާ ފުލުހުން ތިބޭނީ ކެމެރާ އަޅައިގެންނެއް ނޫން. އެހެންވީމާ އަޅުގަނޑު ހަމަ މިއަދުވެސް ހަނދާން ކުރަންބޭނުންވޭ ވަރަށް ބޮޑަށް ފުލުހުންނަށް އެވަރަށް ކެމެރާ ދެވިއްޖެނަމަ ކެމެރާ ނާޅައި އޮޕަރޭޝަނަށް ނުކުންނާނެ އެއްވެސް ފުލުހަކު ހުންނާކަށް ނުޖެހޭ.
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދުވިސައްތަ ކެމެރާއާއެކުގައި ފަށައިގަނެވުނަސް ކޮވިޑުގެ ދަތި ޙާލަތާއެކުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ދަތިކަމާއެކުގައިވެސް ދައުލަތުން މިކަމަށްޓަކައި ކުރީ ބޮޑު ހޭދައެއްކަން ފާހަގަ ކުރައްވައި މިހިސާބަށް މިކަން ގެނެސް ދެއްވުމަކީ ސަރުކާރުން ނެންގެވި ވަރަށް ހިތްވަރުގަދަ ފިޔަވަޅެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ