އެމްޑީޕީގެ ޗެއާޕާސަންގެ ޒިންމާތައް ވައްޑެ ކިޔައިދީފި

އެމްޑީޕީގެ ޗެއާޕާސަންގެ ޒިންމާތައް ވައްޑެ ކިޔައިދީފި

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2022 09:19
0

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް ހުޅުވާލުމާއިއެކު އުފެދިފައިވާ ވާދަވެރިކަމުގައި ދައްކަމުންދާ ވާހަތަކުގެ ތެރެއިން ޕާޓީގެ ޗެއާޕާސަންގެ މަޤާމު ފުރުއްވާ ބޭފުޅެއްގެ ޒިންމާތައް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކިޔާ ދެއްވައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އިއުލާންކުރެއްވުމާއެކު އިންތިޚާބުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

މެމްބަރު ވައްޑޭއަކީ އިންތިއަށް ތާއީދު ކުރައްވާނެކަން ހާމަކޮށް، އިންތި އިންތިޚާބު ކުރުމަށް މަސައްކަތް ކުރަމުންދާ ބޭފުޅެކެވެ. ވައްޑެ މިއަދު ވިދާޅުވީ އެމްޑީޕީން ގަބޫލުކުރާ އަސާސްތަކާއި، އުސޫލުތަކާއި ސިފަތަކަކީ މާކުރިން ލިޔެވި އެކަންކަމަށް ރައްޔިތުންވޯޓުދީ ހަދާފައިވާ ސިޔާސަތުތަކެއްކަމަށެވެ. އެސިޔާސަތުތައް ތަންފީޒު ކުރުމަށް އެންމެ މުހިންމު މަސައްކަތެއް ކުރަންޖެހޭ މީހަކީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވައްޑެ ވިދާޅުވިއެވެ.

ޕާޓީގެ އަސާސްތަކާ އުސޫލުތަކާ ސިޔާސަތުތަކަކީ ލިޔެވި ހާމަކުރެވި އިންތިޚާބުތަކުގައި ރައްޔިތުން ވޯޓުލައި ބަލައިގެންފައި ހުރި ކަންކަން. ޗެއާޕާސަންގެ ޒިންމާއަކީ އެމްޑީޕީގެ“ޖަޒީރާރާއްޖެ” “އެޖެންޑާ19” އަދި “ރަށްވެހިފަތިސް” ގައިވާ ސިޔާސަތުތަކުގެ އަމާޒު ހިފެހެއްޓުމަށް މަސައްކަތް ކުރުން.

– ވައްޑެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ގަބޫލުކުރާ އަސާސް ތަކާއި އުސޫލުތައް ބޮލާލައި ޖަހައި އަމިއްލަ ބޮލުގައި މީހަކަށް ވަންހަނާވެފައިވާ ގޮތަކީ އެއީ އެމްޑީޕީން ގަބޫލުކުރާނެ ގޮތެއް ނޫންކަމަށެވެ. އަދި އެއީ އެމްޑީޕީގެ ގޮތްކަމަށް ދެކި އެކަން އެގޮތަށް ކުރަން އުޅުމަކީ އެމްޑީޕީން ގަބޫލުކޮށްފައިވާ އުސޫލުތަކާއި އަސާސްތަކާއި ޚިލާފްކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.

އެމްޑީޕީން ލިޔެ ހާމަކޮށް ރައްޔިތުންގެ ކުރިމައްޗަށް ނެރެ، ރައްޔިތުންގެ ވޯޓުން ބަލައިގެންފައިވާ ސިޔާސަތުތައް ބޮލާލައި ޖަހައި، އަމިއްލަ ބޮލުގައި ވަންހަނާވެފައި އޮންނަ “ގޮތަކީ” ޕާޓީގެ ގޮތް ކަމުގައި ދެކިގެން އެގޮތް ކުރިއަރުވާން އުޅުމަކީ އެމްޑީޕީގެ އުސޫލުތަކާ ހަމަތަކާ ދިމާއިދިކޮޅު.

– ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިހެން ވިދާޅުވީ މިނިސްޓަރ ފައްޔާޒު އިސްމާއިލަށް ނިސްބަތްކޮށް ކަމަށް ބެލެވެއެވެ. ނަމަވެސް އޭނާގެ ޓުވީތުގައި އެއްވެސް މީހެއްހެއްގެ ނަމެއް ހާމަކޮށްފައިނުވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަން އިމްތިޔާޒް ހާމަކުރެއްވިނަމަވެސް އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އިމްތިޔާޒް ކުރައްވާތާ މިއީ ތިން ވަނަ ދައުރެވެ. ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވާ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، އެ މަޤާމަށް ކުރިމަތިލެއްވީ އެމްޑީޕީ އިތުރަށް ހަރުދަނާ ކުރުމަށްކަމަށާ، އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކުރުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުންކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރުވެސް ވާދަކުރައްވާނެކަން އިއުލާންކުރެއްވުމަށްފަހު މިހާރު ވަނީ ވާދަ ނުކުރެއްވުމަށް ނިންމާފައެވެ. ޢަމްރުގެ އެ ނިންމެވުމަކީ މިވަގުތު އެޕާޓިއަށް އެންމެ ރަނގަޅުގޮތް އެދިގެން ނިންމެވި ނިންމެވުމެއްކަމަށް ޢަމްރުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު މިމަހުގެ 19އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު މި ބާއްވަނީ އެ މަޤާމުގައި ހުންނެވި ހެންވޭރު ހުޅަންގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ދައުރު ހޮނިހިރު ދުވަހު ހަމަވުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.