ފަނޑިޔާރުން ޒިންމާދާރު ކުރުމުގެ މައްސަލަ ބެލުމަށް ގާނޫނު އަސާސީއިން އުފައްދާފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ހުށަހަޅުއްވައި މިބިލް މިދިޔަ ހަފްތާގެ ޖަލްސާތަކުގައިވެސް ވަނީ އެޖެންޑާކޮށްފައެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ތޯރިޤަށް މިދިޔަ ހަފްތާގައި މަޖިލީހަށް ވަޑައި ނުގެންނެވުމުން ބިލުގެ މަސައްކަތް ފެށިފައި ނުވެއެވެ. މާދަމާގެ ޖަލްސާގައި މިބިލުގެ މަސައްކަތް ފެށިގެންދާނެކަމަށް ބެލެވެއެވެ.
މިއީ މި ބިލު ތޯރިގް ހުށަހަޅުއްވާ ދެ ވަނަ ފަހަރެވެ. 2020 ވަނަ އަހަރު ވެސް މި ބިލު ހުށަހެޅުއްވިއިރު، 87 މެންބަރުން ތިއްބަވާ މަޖިލީހުގެ 50 މެންބަރުންގެ ވޯޓުން ބިލު ބޭރުކޮށްލިއެވެ. ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 13 މެންބަރުންނެވެ.
މިއިސްލާހު ދެވަނަ ފަހަރަށް ހުށަހެޅުއްވި މައިގަނޑު ސަބަބަކީވެސް ޤާނޫނު އަސާސީ އިޞްލާހުކޮށް، ޖޭއެސްސީގެ އެތުރިފައިވާ ގޮތް ބަދަލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭކަމެއްކަމަށް ދެކޭތީކަމުގައި އޭނާ ވިދަޅުވިއެވެ. އަދި އެކަން ފަސްކުރެވެން ނެތްކަމަށް ދެކެވަޑައިގަންނަވާތީ ޤާނޫނު އަސާސީ އިޞްލާހުކުރުމަށް މަޖިލީހަށް އިޞްލާހު ހުށައެޅުއްވީކަމަށްވެސް ޠާރިޤް ވިދާޅުވެފައިވެއެވެ.
ޖޭއެސްސީގައި ހިމަނަން ޠާރިޤި ހުށަހެޅުއްވި މެމްބަރުންނަކީ އުއްތަމަފަނޑިޔާރާއި ހައި ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ދަށު ކޯޓްތަކުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ވަކީލަކާއި ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންގެ ތެރެއިން އިންތިޚާބުކުރާ ބޭފުޅަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ތަޖުރިބާކާރު ބޭފުޅެކެވެ.
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނަމަ ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭނެއެވެ. ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ