ކުޑަ ފިރިހެންކުއްޖަކާއި މެދު ބަދުއަޚުލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ވަކި ބައެއްގެ ނަން ހާމަނުކުރައްވައި ފުލުހުން ވިދާޅުވެފައިވަނީ، ކުޑަފިރިހެން ކުއްޖަކާއި މެދު ބަދު އަޚުލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އުމުރުން 29 އަހަރުގެ ފިރހެނަކާއި 30 އަހަރުގެ އަންހެނަކު ކޯޓުއަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓަށް ހާޟިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެމީހުން 7 ދުވަހަށް ބަންދު ކުރުމުގެ އަމުރު ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މިއީ ސީދާ ޔުނާންގެ ދެމަފިރިންނާއި ގުޅޭ މައްސަލަ ކަމެއް ފުލުހުން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއިމެދު ދެމީހަކުވެގެން ބަދު އަޚުލާޤީ އަމަލު ހިންގިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.
ޔުނާންގެ ދެމަފިރިންގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން، އެދެމަފިރިން ހައްޔަރުކުރުމަށް ގޮވާލައި އިއްޔެ އެމީހުން ދިރިއުޅޭ ގެ ދޮށަށް އެއްވެ ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ. މި ކަމާއި ގުޅިގެން ޔުނާން އާއި އޭނާގެ އަންހެނުން ފުލުހުންގެ ހިމާޔަތަށް އެދުމުން ފުލުހުން ވަނީ ފުލުހުންގެ ހިމާޔަތުގައި އެ ދެމީހުން އިއްޔެ ހިމާޔަތްވެސް ދީފައެވެ. ނަމަވެސް އަލުން އެ ދެމީހުން ހައްޔަރުކޮށްފައި މިވަނީ މި މައްސަލައިގެ ތުހުމަތު ކުރެވޭތީ މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލަތައް ސީރިއަސް އަވަސް މައްސަލަތަކެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް ފުލުހުންނާއި ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.