މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަމުންދާއިރު، ވިޔަފާވެރިންގެ އެހީއަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލެއްވި ގޮވާލެއްވުމަށް ވީހާވެސް ގިނަ ބަޔަކު އިޖާބަ ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.
މީޑިއާތަކަށް މޭޔަރު މުއިއްޒު ޚިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރޯދަ މަހަށް މާލޭގެ ހުރިހާ މިސްކިތެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން ދަނީ އެ ކައުންސިލްގެ ބަޖެޓުން ތަން ދިން ވަރަކުން ކަމަށެވެ. އެހެން ނަމަވެސް މިކަމުގައި ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީ ބޭނުންވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންކަމުން އާންމު ރައްޔިތުން ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް ހުށަހެޅުމުގެ އިތުރަށް ވިޔަފާވެރިންގެ މާލީ އެހީތެރިކަން ދިނުމަށް މޭޔަރު އެދިވަޑައިގެންނެވިއެވެ.
މޭޔަރުގެ މިއެދިވަޑައިގަތުމާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ މިސްކިތްތަކަކީ މާތް ރަސްކަލާންގެ ގެކޮޅުކަމަށެވެ. މި ގޮކޮޅުގެ އާބާތުރަ ފިލުވުމަށް ކުރައްވާ ކޮންމެ މަސައްކަތެއްގައި އެމީހަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށް ދެއްވުމަކީ ވަރަށް ހެޔޮކަމެއްކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި މިކަމުގައި ވީހާވެސް ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ޑރ.ޝަހީމް ވަނީ ގޮވާލާފައެވެ.
މިސްކިތްތަކަށް އެހީވުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ގޮވާލައްވާފައިވާ ގޮވާލެއްވުމަށް އިޖާބަ ދެއްވުމަށް އެންމެހައި ފަރާތްތަކުން ނުހަނު އަދަބުވެރިކަމާއިއެކު އެދެން. މިސްކިތްތަކަކީ މާތް ރަސްކަލާންގެ ގެކޮޅު. އެތަންތަން މަރާމާތު ކުރުމަށް އެހީވުމަކީ ނުހަނު ސަވާބާއި ދަރުމަހުރި ކަމެއް.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހަމަޖައްސައިދިން ބަޖެޓް އާދަޔާއި ހިލާފަށް ކުޑަ ވުމުން މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ފައިސާގެ ގޮތުގައި މިސްކިތް ފޮޅާ ސާފުކުރުމާއި ކުދި މަރާމާތުތައް ކުރުމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ދައުލަތުގެ ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާގެ އެހީވެސް ދެވޭނެ ގޮތަށް ވަނީ އިންތިޒާމުތައް ހަމަޖައްސައިފައެވެ. ސިޓީ ކައުންސިލްގެ ދަށުން "މާލެ ސިޓީގެ މިސްކިތްތަކަށް ދޭ އެހީ" ގެ ދަށުން ވެސް ފައިސާ ހަދިޔާކުރެވޭނެއެވެ.
One Response
ކޮބައިތޯ މެޑަމް ފާތުންގެ ޞަދަގާތު ފަންޑު އެއީ މާމަސްހޫރު ފަންޑެއް ނޫންތޯ