ވެރިކަމުގެ އެއްވެސް ނިޒާމެއްގައި މިހާރު ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީއަށް 2023ގައި ވެރިކަމަށް ނާދެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ހުސެއިން މިފަދައިން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށްގެން މެނުވީ ދެން އެމްޑީޕީއަށް ވެރިކަން ނުލިބޭނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅުގެންނެވެ.
ހުސެއިން ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ކުރަމުންދިޔަ އިތުބާރު ގެއްލެމުންދަނީ ރައްޔިތުންގެ ކުރިމަތީގައި ދެއްކި ވާހަތަކާއި ބަހާއި އަމަލު ދިމާނުވާތީކަމަށެވެ. އަދި އެމްޑީޕީން މީގެ ކުރިން ޕާޓީއެއްގެ ގޮތުގައި ނިކުމެ ކުރި މަސައްކަތުގެ އަސްލު ސިފަ ގެއްލުމަކީ އެމްޑީޕީއަށް ކުރާ އިތުބާރާއި ތާއީދު ގެއްލެމުންދާ ކަމުގެ ހަގީގަތްކަމަށެވެ. އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްވެސް ނިޒާމެއްގެ ތެރެއިން ކާމިޔާބު ނުވާނެކަމަށް ހުސެއިން ވިދާޅުވިއެވެ.
މާތް ރަސްކަލާންގެ އިރާދަފުޅާއިއެކު އެއްވެސް ނިޒާމެއްގައި 2023 ގެ ވެރިކަމަށް އެމްޑީޕީއަށް ނާދެވޭނެ. ރައްޔިތުންގެ ނުރުހުމާއި، ނަފުރަތު އެމްޑީޕީއަށް އިތުރުވަމުންދަނީ ޕާޓީއެއްގެ ގޮތުގައިނިކުމެ އެމްޑީޕީ ގަބޫލު ކުރި އަސްލު ސިފަތަކާއި، އުސޫލުތައް ގެއްލިފައިވާތީ.
– ހުސެއިން ވިދާޅުވިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބު އެޕާޓީއަށް ކާމިޔާބު ކުރެވުނުނަމަވެސް އިންތިޚާބުގެ 50 އިންސައްތަ ހުރަކުރެވިފައިނުވާކަމަށެވެ. ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމްގައި އިންތިޚާބު ކާމިޔާބުކުރަން 50 އިންސައްތަ ހޯދަން ނުޖެހޭނެކަމަށާއި، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން މެނުވީ އެމްޑީޕީއަށް ދެން ވެރިކަން ނުލިބޭނެކަމަށެވެ.
ޝުކުރިއްޔާ! އެކަމަކު 50 ޕަސެންޓު ހުރަސް ނުކުރި، ބަރުލަމާނީއަށް ބަދަލު ނުވެއްޖެނަމަ އަޅުގަނޑުމެންނަށް ވެރިކަމުގައި ނުތިބޭނެ.
– ރައީސް ނަޝީދު ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުގައިވެއެވެ.
ރައީސް ނަޝީދު އަބަދުވެސް ގެންދަވަނީ ނަރުލަމާނީ ނިޒާމަށް ތަޢީދުކޮށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ގޮވާލައްވަމުންނެވެ. ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަވަނީ، ރައީސް ސާލިހުއާއި މަޝްވަރާ ކުރައްވައިގެން، އެމަނިކްފާނުގެ މަޝްވަރާގެމަތިން ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ