އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާނަކީ ރިޝްވަތަށް ގުޑުވާލެވޭނެ ބޭފުޅެއް ނޫން ކަމުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިފަދައިން ވިދާޅުވީ ކޮމަންޑޫދާއިރާގެ ބައި އިލެކްޝަންގައި އިމްރާން ބައިވެރިވެ ވަޑައިގެންފައިވަނީ ރިޝްވަތުގެ ގޮތުގައި ރަށެއް ދިނުމަށް ނިންމުމުންކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށް ވާހަކަ ދައްކަވަމުން ދަނޑިވަޅެއްގައެވެ. ޑރ.އިޔާޒު ވިދާޅުވީ، މިއިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ނުކުރިނަމަވެސް މިނިސްޓަރ އިމްރާން މިއިންތިޚާބުގެ ކެމްޕެއިންގައި ބައިވެރިވީ ރިޝްވަތު ނަގައިގެންކަމަށް ދައްކާ ވާހަތަކަކީ އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭ ވާހަކަތަކެއް ނޫންކަމަށެވެ.
އަޅުގަނޑުގެ އަޚް ޝައިޚު އިމްރާން އާއި ސިޔާސީގޮތުން ކިތަންމެ ޚިޔާލު ތަފާތުވީނަމަވެސް، އަދި ނިމިދިޔަ ކޮމަންޑޫ ދާއިރާގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރައްވާ ކެމްޕެއިނަށް ނިކުންނެވުމާއި ދެކޮޅު ނަމަވެސް އެމަނިކްފާނު އެކަން ކުރެއްވީ ރިޝްވަތު ނަންގަވައިގެން ކަމަށް ގަބޫލެއް ނުކުރަން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
އިޔާޒު ވިދާޅުވީ އެއްވެސް މީހެއްގެ ބޮލުގައި ތުހުމަތު އަޅުންވާނީ ސާބިތު ހެކި ހެރެގެންކަމަށެވެ. އިމްރާނާއިއެކު ދިގު މާޒީއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު މީހެއްގެ ހައިސިއްޔަތުން، އިޔާޒު ވަނީ އިމްރާނަކީ ރިޝްވަތަށް ގުޑުވާލެވޭނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ އިމްރާންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އިމްރާނަކީ ކަންކަމުގައި ވަރަށް ތެދުވެރިކަމާއިއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމުގައި އިޔާޒު ވިދާޅުވިއެވެ.
މީސްމީހުންގެ ބޮލުގައި އިލްޒާމު އަޅުވަންވާނީ ޘާބިތު ހެކި ހުރެގެން. އިމްރާނާއިއެކު ދިގު ޒަމާން ތަކެއް ވަންދެން ތަފާތު ތަޖްރިބާތައް ކުރެވިފައިވާ މީހެއްގެ ޙައިޘިއްޔަތުން ދަންނަވަން. އެމަނިކްފާނަކީ ރިޝްވަތަށް ގުޑުވާލެވޭނެ ބޭފުޅެއް ނޫން. އެއީ ތެދުވެރި އިޚްލާޞްތެރި ބޭފުޅެއް.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމި ނަމަވެސް އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނޭ ބައެއް ބޭފުޅުންވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ނުކުރާކަން ހާމަކުރައްވާފައެވެ. ނަމަވެސް އެޕާޓީން ނިންމުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރަން އެދިވަޑައިގަތުމުންކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ