ދިވެހި ޕްރިމިއާ ލީގު ފެށުން ފަސްކޮށްފި

ދިވެހި ޕްރިމިއާ ލީގު ފެށުން ފަސްކޮށްފި

Author
ޔޫސުފް
02 ފެބްރުއަރީ 2022 07:43
0

މިމަހުގެ 6 ވަނަ ދުވަހު ފެށުމަށް ތާވަލްކޮށްފައި އޮތް ދިވެހި ޕްރިމިއާ ލީގު ފެށުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފަސްކޮށްފިއެވެ.

އަންނަ އާދީއްތަ ދުވަހު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރާ މެޗުން ލީގު ފަށަން ނިންމާ، ލީގުގެ ފުރަތަމަ ބުރުގެ ޝެޑިއުލްވެސް ވަނީ އާންމު ކޮށްފައެވެ. ނަމަވެސް މިހާރު ދިވެހި ޕްރިމިއާ ލީގު ފަށަން އެފްއޭއެމުން ނިންމާފައިވަނީ މިމަހުގެ 16 ވާ ބުދަ ދުވަހުއެވެ.

ލީގު ފެށުން ފަސްކުރުމާއި ގުޅޭގޮތުން "އަދަދު" ނޫހަށް މަޢުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ޙުސައިން ޖަވާޒް ވިދާޅުވީ، ލީގު ފެށުމުގެ ކުރިން ނިންމަން ޖެހޭ ގިނަ މަސައްކަތްތަކެއް ކުރަން ވަގުތު ބޭނުންވާތީއާ އެކުގައި ލީގު ފެށުން މި ވަގުތަށް ފަސްކުރީ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން މަސައްކަތް ކުރަމުން ދިޔައީ ލީގު ހުޅުވާ މެޗު މިމަހުގެ 6 ވަނަ ދުވަހު ލ.ގަމުގައި ސަރުކާރުން ތަރައްގީ ކުރި ޓާފް ދަނޑުގައި ކުޅޭށެވެ. ނަމަވެސް ލ.ގަން މޮނިޓަރިންގައި އޮތުމުގެ ސަބަބުން މިހާރު އެ ވިސްނުން ވަނީ ދޫކޮށްލާފައެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުން ފެށިއިރު، އެ މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ ރ.އަލިފުށި ޓާފް ފުޓްބޯޅަ ދަނޑުގައެވެ. އަދި އެފްއޭއެމުން މިހާރު ކުރިޔަށްގެންދާ 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ފ.ނިލަންދޫ ޓާފް ދަނޑުގައި ކުޅެވޭތޯ އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.