ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިންގައި ހޯމް މިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވަން ފަށްޓަވައިފިއެވެ.
މިނިސްޓަރ ޢިމްރާން ވަނީ ކޮމަންޑޫ ދާއިރާގައި ހިމެނޭ މަރޮއްޓަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ ކެމްޕެއިން ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒްއާއި އެޕާޓިގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މަރޮއްޓަކީ އަދާލަތު ޕާޓިގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވި ޑރ.އަޙްމަދު ޒާހިރު ޢަލީގެ ރަށެވެ. އެމަނިކުފާނުވެސް ގެންވަނީ މި ކެމްޕެއިންގައި އެމްޑީޕީއަށް ތާޢީދު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
Adhaalath Party ge Raees Sheikh @ShimranAb Maroshi ga MDP ge campaign team aa bahdhalu kurevvun#VoteRashid#Agenda19 pic.twitter.com/Sb3MCeWtQ7
— MDP Secretariat (@MDPSecretariat) February 2, 2022
ސަރުކާރުގެ އިސް ބޭފުޅުންނާއި، ކޯލިޝަންގެ ބައިވެރިންވެސް އެމްޑީޕީ ކެނޑިޑޭޓަށް ތާޢީދު ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރައްވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމްވެސް ވަނީ އެދާއިރާއަށް ވަޑައިގެން އެމްޑީޕީ ކެނޑިޑޭޓަށް ކެމްޕެއިން ކޮށްދެއްވާފައެވެ.
އަދާލަތު ޕާޓީގެ ރައީސް އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދު ހޯއްދަވައިދެއްވުމަށް ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާއިރު، އަދާލަތު ޕާޓީން ތާއީދުކުރާ ކެނޑިޑޭޓަކީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުކަމަށް އެޕާޓީން ނިންމާފައިވެއެވެ. އެގޮތަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ތާއީދު ކުރުމަށް އެދިވަޑައިގެންފައިވާތީއެވެ.
ވެރިކަން ކުރާ ކޯލިޝަންގައި އަދާލަތު ޕާޓީ ހިމެނޭއިރު، އެ ކޯލިޝަންގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމައިފައެވެ. ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމް ވަނީ އެމްޑީޕީގެ ކެނޑިޑޭތަށް ތާއީދުނުކޮށް، އިންތިޚާބަށް ބޮޑެތި ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތު ކޮށްފައެވެ. އަދި މިއިންތިޚާބުގައި ރައްޔިތުންގެ ވިސްނުމަށް އެންމެ ރަނގަޅު ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.