ތިނަދޫން މީހުން ބޭލި ހާދިސާގެ އަޑުއެހުންތަކެއް ބާއްވަނީ

ތިނަދޫން މީހުން ބޭލި ހާދިސާގެ އަޑުއެހުންތަކެއް ބާއްވަނީ

1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާ ގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ ޕަބްލިކް ހިޔަރިންތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ތިނަދޫން މީހުން ބޭލި ހާދިސާ ބެލުމަށް އެއޮފީހުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އިޖުރާޢަތުގެ ގަވާއިދުގެ ދަށުން އާންމުކޮށް ހުޅުވާލައިގެން އަދި އާންމުކޮށް ހުޅުވާނުލައި ޕަބްލިކް ހިއަރިންގތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިއަޑުއެހުންތައް މި އަހަރުގެ މާރިޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އެއަށްފަހު މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މި އަހަރުގެ މާރިޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރެއްވުމަށް މިއަދުން ފެށިގެން 15 ފެބުރުވަރީ 2022 އާ ދެމެދު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

މަޢުލޫމާތުތައް ޙިއްސާކޮށްދެއްވުން އެދޭ ފަރާތްތަކުން ދޭންޖެހޭ މައުލޫމާތު:
1 .ފުރިހަމަ ނަން
2 .އައިޑީ ކާޑު ނަންބަރު
3 .ގުޅޭނެ ނަންބަރު
4 .ދާއިމީ އެޑްރެސް
5 .މިހާރު ދިރިއުޅޭ އެޑްރެސް
6 .މި ހާދިސާއާ ގުޅޭގޮތް ނުވަތަ މަޢުލޫމާތު އެނގޭ ގޮތް
7 .ބަޔާންދޭން ބޭނުންވަނީ ލިޔުމުންތޯ ނުވަތަ ހާޒިރުވެގެންތޯ
8 .ބަޔާންދޭން ބޭނުންވަނީ ގދ. ތިނަދޫގައިތޯ ނުވަތަ މާލޭ ސިޓީގައިތޯ:

އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހަށް ތަހުޤީގުކުރެވޭނީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ވެރިއެއްގެ ފަރާތުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާއި ގުޅޭ ކޮންމެ މައްސަލައެއް ހުށައެޅުމަށް ހުލުވާލި ފުރުޞަތުގައި އެ އޮފީހަށް 488 މައްސަލައެއް ހުށައަޅާފައިވާއިރު އޭގެ ތެރެއިން 452 މައްސަލައެއް ވަނީ ބަލައި ގަތުމަށް ނިންމާފައެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު ބުނާގޮތުން އެ އޮފީހަށް ހުށައަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަހުޤީގުކޮށް ނިންމަން ޖެހެއެވެ. އިންތިޤާލީ އޮފީހުން ތަހުޤީގުކޮށް ނިންމާ ޕީޖީ އޮފީހާއި އޭޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި އެ އިދާރާތަކުން 21 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާ ކޯޓަށް ފޮނުވަންޖެހޭނެއެވެ. އަދި ކޯޓަކަށް މައްސަލަ ހުށައަޅައިފިނަމަ އެންމެ ގިނަ ވެގެން އެއް މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓުން ނިންމަންޖެހޭނެކަމަށްވެސް ޤާނޫނުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *