ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން އަދާ ކުރައްވަމުން ގެންދެވި، އަދި އެދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މެމްބަރު ހުސެއިން ވަހީދު ފާއިތުވި ޑިސެމްބަރ މަހުގެ 14ވަނަ ދުވަހު އަވަހާރަ ވުމާއި ގުޅިގެން، އެދާއިރާގެ ގޮޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓާކާ ބޭއްވުމަށް ހަމަ ޖެހިފައިވާ ބައި އިލެކްޝަން މި ފެބްރުއަރީ މަހުގެ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝްންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަދި މި އިންތިޚާބުގައި ވާދަކުރާ 3 ޕާޓީންވެސް މި ގޮނޑި ކާމިޔާބު ކުރުމަށްޓަކާ ފޯރިޔާއެކު، މިދާއިރާގައި ކެމްޕޭން ކުރަމުން ދާއިރު ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ރައްޔިތުންގެ މަޖިލިހުގެ ކޮންމެ އިންތިޚާބަކީވެސް، މަޖިލިހުގެ ކޮންމެ ގޮނޑިއަކީވެސް ހުރިހާ ސިޔާސީ ޕާޓިއަކަށްވެސް މުހިންމު، އަދި ވަކީން ޚާއްސަކަށް އޭރަކު އޮންނަ ސަރުކާރަކަށް ވަކީން މުހިންމުކަން ބޮޑު ގޮޑިއަކަށް ވެގެން ދާކަމެވެ.
މާނައަކީ، ރައްޖޭގަ އޮތް ވެރިކަމުގެ ނިޒާމުގެ އެކުލެވިފައި އޮތް ގޮތުން، އޭރަކު އޮންނަ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީއާއި ނުލާ، ވެރިކަން ހިންގާ ފަރާތަށް ގިނަ ނިންމުންތައް ނިންމޭނޭ ގޮތެއް ނެތެވެ. އެއީ ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރުން ކަމުގައިވި ނަމަވެސް، ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ކަމުގައި ވިނަމަވެސް، އަދި މީގެ އިތުރުން އެންމެ ކުޑަ މިނުން ބޭރުގެ ދައުލަތްތަކާއެކީ ބާއްވަަންޖެހޭ މުހިންމު ގުޅުންތައް ދެމެހެއްޓުން ކަމުގައިވި ނަމަވެސް، ރައްޔިތުންގެ މަޖިލުހުގެ ދަައުރު އޮތީ ނުހަނު ބޮޑުކޮށް ހިމެނިގެން ގޮސްފައެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ، ރައީސް ސާލިހު ހިމެނިގެން ގޮސްފައިވަނީ، ރައްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން، މިހާތަނަށް ރައްޔިތުންގެ މަޖިލިހެއްގެ އެންމެ ބޮޑު މެޖޯރިޓީއަކާ އެކީ ވެރިކަން ކުރައްވަމުން ގެންދަވާ ރައީސް ކަމުގައެވެ. ސަބަބަކީ މިހާރުގެ ރައްޔިތުންގެ މަޖިލިހުގައި ވެރިކަންކުރާ އެމްޑީޕިއަށް ސުޕަރ މެޖޯރިޓީ އޮތުމެވެ. އަދި މަޖިލިހުގެ ތާރީޚުގައިވެސް އެއް ޕާޓީއަކަށް މަޖިލިހުގެ ސުޕަރ މެޖޯރިޓީ ލިބިގެންދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.
މިގޮތުން، ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ އެމްޑީޕީގެ ރައީސް ކަމަށް ވެފައި، މަޖިލިހުގެ ނާއިބު ރައީސަކީވެސް އެމްޑީޕީގެ މެމްބަރަކަށް ވުމުގެ އިތުރުން، މަޖިލިހުގައި އެންމެ މުހިންމު މަސައްކަތްތައް ކުރިޔަށްދާ ގިނަ ކޮމިޓީތަކުގެ މުގައްރިރު ކަމާއި، ކޮމިޓީތަކުގެ ސާފު މެޖޯރިޓިވެސް އޮތީ ސަރުކާރުގައެވެ. އަދި ރައީސް ސާލިހު މީގެ ކުރިންވަނީ އެމަނިކްފާނުގެ އަތްޕުޅުގައި މަޖިލިހުގެ ސާފު މެޖޯރިޓީ އޮތް ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި ވެސްމެއެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިއުމާއެކު، މި ގޮނޑި ކާމިޔާބު ކުރުމަށް ރައީސް ސާލިހުގެ ސަރުކާރުން ފެށި ކެމްޕޭން މިއަދާ ހަމައަށް އައިއިރު ސިފަ ވެގެން ގޮސްފައިވަނީ، މި ގޮނޑި ކާމިޔާބު ކުރުމުގައި ނުފޮރުޅާ އެންމެ ގާކޮޅެއް ނުބާއްވަވާ، އަދި މި އިންތިޚާބު ކާމިޔާބު ކުރުން ނޫން ދެވަނަ "ޗޮއިސް"އެއް ސަރުކާރަށް ނެތްކަން ސިފަވެގެންދާ ކެމްޕޭނެއްގެ ގޮތުގައެވެ. ކޮމަންޑޫ ދާއިރާގައި ކެމްޕޭންގެ ތެރޭގައި އެކަނިވެސް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް މިހާރު ދަނީ މި ދާއިރާގައި ފެށިގެން ކުރިއަށެވެ. ކޯލިޝަންގެ އެއް ބައިވެރިޔަކު ކަމުގައިވާ، މަހުޖަނު ގާސިމް އިބުރާހިމަ ފާޅުގައި މަސައްކަތް ފައްޓަވާފައިވަނީ މި ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށެވެ.
އެހެންނަމަވެސް ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެއްވެސް ހާސްކަމެއް ނެތި ނިންމުންތައް ނިންމާލެވޭ ވަރުގެ ސާފު މެޖޯރިޓީ އޮވެމެ، ކޮމަންޑޫ ދާއިރާގެ ގޮނޑި ރައީސް ސާލިހަށް އެހާ މުހިންމު ވެގެންދާ ސަބަބުތަކަކީ ކޮބައިތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދިގެންދާ ވަރަށްވެސް ބޮޑު ސުވާލަކަށް ވަނީ ވެގެން ގޮސްފައެވެ.
ޕާޓީގެ އެތެރޭގެ ބައިބައި ވުން!
ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގެ މެދަކާ ހަމައަށް އައުމުގެ ކުރިން، އެމްޑީޕީގެ އެތެރެއިން ހުޅު ފަޅައިގެން އައި ބައިބައި ވުންތަކާއި، ސަރުކާރުގެ މުހިންމު ބައެއް ނިންމުންތަކާމެދު އުފެދިގެންދިޔަ ޚިޔާލު ތަފާތުވުންތަކުގެ އަސަރުތައް އަދިވެސް އެޕާޓީގެ ތެރެއިން ފިލައިގެން ގޮސްފައި ނުވާކަން މިއީ ޕާޓީގެ ހިންގުމުގެ ނިޒާމުގެ ތެރެއިން އިންނާއި، މަޖިލިސް މެމްބަރުންގެ މެދުގައި ހުރި އުދާސްތަކުން ވަރަށްވެސް ރަގަޅަށް އަދިވެސް ސާފުވާން އޮތް ހަގީގަތެކެވެ.
އަދި ވަކީން ޚާއްސަކޮށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް އަބުރާލުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ އެތެރޭގައި އުފެދިގެން ގޮސްފައިވާ ވާދަވެރިކަން އަދިވެސް ހަމަ އެގޮތުގައި އޮތްކަމުގައި ގަބޫލު ކުރަންޖެހެއެވެ. ސަބަބަކީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތަކީ އަދިވެސް ދޫ ނުދެއްވާ ކުރިޔަށް ގެންދަވާނޭ މަސައްކަތެއް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާތީވެސް މެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އެތެރޭގައި މި ޚިޔާލުތަފާތު ވުންތައް އެ ގޮތުގައި އޮތްކަމަށް ހެކިދޭ އެއްކަމަކަށް ވެގެން ގޮސްފައިވަނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން މިހާރު ނިމުމަކާ ހަމައަށް ގޮސްފައި ވާއިރު، މި މިހާތަނަށް ޕާޓީގެ އެތެރޭގައި އުފެދުނު ކޯޅުންތަކުގައި، ނަޝީދު ފެކްޝަނަށް ފާޅުގައި ތާޢީދު ކުރަމުންދިޔަ އިސް ބައެއް މެމްބަރުން ކެމްޕޭންގެ އެއްވެސް އިވެންޓަކުން އަދި މިއަދާ ހަމައަށް ފެނިގެން ގޮސްފައި ނުވާތީއެވެ.
އަދި ޕާޓީގެ ޗެއަރ ޕާރސަންއާއި ނާއިބު ރައީސާއި ހަމައިން، ނަޝީދަށް ހަށި ފުރާނައިން ތާއީދު ކުރަމުން އަންނަ ކަމަށް ބެލޭވެ މެމްބަރުންގެ ލިސްޓު ހުއްޓިފައިވާކަން މިއީ ކެމްޕޭންގެ ތެރެއިން އަދި މިއަދާ ހަމައަށް ފެންނާން އޮތް މުހިންމު އެއް ކަމެކެވެ. އެހެންނަމަވެސް، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރެއިން ސަރުކާރަށް ތާޢީދު ކޮށްގެން ތިބި ގިނަ މެމްބަރުންގެ ބަވެރިވުން ވަރަށްވެސް ފުޅާ ދާއިރާއެއްގައި ފެންނަމުންދާކަން ފާހަގަ ކޮށްލަން ޖެެހެއެވެ.
އެހެންނަމުން، މި އިންތިޚާބު އެމްޑީޕިއަށް ކާމިޔާބުވެންދާ ދިއުން ވަރަށްވެސް ބޮޑަށް، ސީދާ ރައީސް ސާލިހަށް ލިބިގެންދާ ކާމިޔާބިއެއްގެ ގޮތުގައި މެނުވީ ސިފަވެގެން ނުދާނެކަމީ ކަށަވަރުވެ ޔަގީން ވާން އޮތް ކަމެކެވެ. އަދި މިފަދަ ކާމިޔާބިއެއް ވެގެންދާނީ، ކޯވިޑްގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ސަރުކަރުން ކުރިޔަށް ގެންގޮސްފައިވާ ތަރައްގީގެ މަޝްރޫއުތަކަށާއި، އިގްތިސާދީ ބަދަލުތަކަށްވެސް ރައްޔިތުންގެ ފަރާތުން ލިބިގެންދާ ވަރަށްވެސް ބޮޑު ރުހުމެއްގެ ގޮތުގައި ތަރުޖަމާ ކުރެވިގެން ދާނެއެވެ.
އަދި މިއީ ދައުރުގެ ކުރިޔަށް އޮތްތަނުގައި ސަރުކާރުން ތަންފީޒު ކުރާނެ ސިޔާސަތުތަކަށާއި، ކުރިޔަށް ގެންދާނެ ތަރައްގީގެ މަޝްރޫއުތަކަށް ލިބިގެންދާނެ ހިތްވަރަކަށް މެނުވީ ވެގެނެއް ނުދާނެއެވެ.
އިންޑިއާ އައުޓް އަދި 2023!
އިދިކޮޅު ޕީޕިއެމްގެ ފަރާތުން ރައީސް ސާލިހުގެ ސަރުކާރަށް ކުރިމަތި ވެގެން ގޮސްފައިވާ ސިޔާސީ އެންމް ބޮޑު ގޮންޖެހުމަކަށް ވެގެން ގޮސްފައިވަނީ އެ ޕާޓީން ކުރިޔަށް ގެންދާ "އިންޑިއާ އައުޓު" ކެމްޕޭނެވެ.
އަދި ކުރީގެ ރައީސް ޔާމިން ޖަލުން މިނިވަން ވުމާއިއެކު، އެމަނިކްފާނު ވަނީ އަމަލީ ގޮތުން މި ކެމްޕޭނާ ގުޅިވަޑައިގެންފައެވެ. އަދި ހަމަ އެއާއެކު އެހާތަނުން، މި ކެމްޕޭނުގެ ގިޔަރު އިތުރަށް ކުރިޔަށް ޖައްސާ، މީގެ ކުރިން މި ކެމްޕޭން ކުރިޔަށް ގެންގޮސްފައި ނުވާ ބައެއް ރަށްތަކުގައި އިދިކޮޅު ޕީޕީއެމްއިން ވަނީ މި ހަރަކާތް ކުރިޔަށް ގެންދަން ފަށާފައެވެ.
އެހެންނަމަވެސް، މިއީ ބައިނަލް އަގުވާމީ ދުނިޔެވެސް ފާރަލާ ބަލުމުންދާ ކެމްޕޭނަކަށް ވާތީއާވެސް އެކު، އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނަކީ މަދުބަޔަކު ތާއީދު ކުރަމުންދާ ސިޔާސީ ހަރަކާތެއްކަން ބައިނަލް އަގުވާމު ފަރާތްތަކަށް ސާބިތު ކޮށްދިނުން މިއީ މިއަދު ސަރުކާރުން އީޖާދު ކުރަން ޖެހިފައިވާ އެއް ފޯމިއުލާ ކަމުގައި ދަންނަވަން ޖެހެއެވެ.
މިގޮތުން އިންޑިއާ އައުޓު ހަރަކާތަކީ ހަގީގަތުގައިވެސް ރައްޔިތުންގެ ތާއީދެއް ނެތް، މަދު ބަޔަކު ރާއްޖޭގެ ބައެއް ރަށްތަކުގައި ކުރިޔަށް ގެންދާ ސިޔާސީ ގޮތުން ޟައީފް ކެމްޕޭނެއްކަން ދެއްކުމަށް، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވެގެންދާނީ ހަގީގަތުގައިވެސް ރައީސް ސާލިހުގެ ސަރުކާރަށް ލިބިގެންދާ ރަނުގެ ފުރުސަތަކަށެވެ. އަދި އެހާތަނުން އިންޑިއާ އައުޓުން ކެމްޕޭނުން އުފެދިގެން ގޮސްފައިވާ އުދާސްތަކަށްވެސް ކޮންމެވެސް މިންވަރެއްގެ ތަސައްލިއެއް ލިބިގެންދާނެ ކަމުގައި ގަބޫލު ކުރަން ޖެހެއެވެ.
ހަމަ އެއާއިއެކު، ސަރުކާރުގެ ހުރިހާ ސިޔާސަތަކަށް ބަލާއިރުވެސް، ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންިޚާބަށް ރައީސް ސާލިހު ކަމަރު ބަނަވަމުން ދާކަން ވަރަށްވެސް ސާފުކޮށް ފެންނާން އެބައޮތެވެ. ރައީސް ސާލިހު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުންނާއި، ކޯވިޑް ޕެންޑަމިކް ތެރޭގައިވެސް ރަށްރަށުގައި ކުރިޔަށްދާ ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް ނުގެނެސް ސަރުކާރުން ކުރިޔަށް ގެންދާ ދިއުމަކީ ރައީސް ސާލިހު 2023އަށް ވެވަޑައި ގަންނަވަމުންދާ ތައްޔާރީތަކުގެ މުހިންމު ކަންކަމުގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ހަމަ އެއާއިއެކު، ފެންނާން އޮތް އަނެއް ހަގީގަތަކީ، 2023ގެ އެމްޑީޕީގެ ޓިކެޓް ރައީސް ސާލިހަށް ހަށަވަރު ވެގެން ދިއުމެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުންވެސް އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުގައި، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނެވުން ދޫކޮށް ނުލައްވާކަމުގައި ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އަމިއްލަފުޅު ޕާޓީ ތެރެއިން ކުރައްވަން ޖެހިވަޑައިގެންފާނެ ހަގުރާމައަކަށް ތައްޔާރު ވެވަޑައިގެން ހުންނެވުމުގައި، އޭގެ ކުރިން ބޭއްވިގެންދާ ބައި އިލެކްޝަނެއްގެ ނަތީޖާއިން ތަފާތު ދެއްކެވުން ރައީސް ސާލިހަށް ވަރަށްވެސް މުހިންމު ވެގެން ދާނެކަމުގައި ގަބޫލުކުރަން ޖެހެއެވެ. އެއީ އެމްޑީޕީގެ އެތެރޭގެ ތާއިދު އެމްނިކްފާނަށް އޮތްކަން ނަތީޖާއިން ފެނިގެން ދިއުމުން މުހިންމު ވެގެން ދާތީއެވެ.
އެހެންކަމުން ހުރިހާ ގޮތަކުން ބެލި ކަމުގައިވި ނަމަވެސް، ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަނަކީ ނަތިޖާ ނެރުން ރައީސް ސާލިހަށް މަޖުބޫރު ބައި އިލެކްޝަނެއް ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ. މި ނަތީޖާއަށް ކުރަމުންދާ އިންތިޒާރީގެ ނިމުން އޮތީ ވަރަށް ކައިރީގައެވެ.