"އިންޑިއާ އައުޓް" ގެ ކެމްޕޭން ހަރަކާތެއްގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯއެއް ބޭނުން ކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އެކަމުގެ ނުރުހުން ފާޅު ކުރައްވައިފިއެވެ.
ހުސެއިން އާދަމްގެ ފޮޓޯއާއިއެކު އިދިކޮޅު ކޯލިޝަނުން އިއްޔެ ކުޅުދުއްފުށީ ބައެއް ގޭގޭގެ ވަނީ "އިންޑިއާ އައުޓް" ބެނާތައް ހަރުކޮށްފައެވެ. މިކަމުގެ ނުރުހުން ފާޅުކޮށް މެމްބަރު ޔާސިރު ކުރި ޓުވީޓުގައި ވިދާޅުވީ ސިޔާސީ ބޭނުމަށް އެ ޤައުމީ ބަތޮލުގެ ފޯޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން އެދޭކަމަށެވެ. ވަކި ކަމަކަށް ދަހިވެތިގެން އުޅުނަސް ކުރަންޖެހޭ ކަންކަމާއި ނުކުރަންޖެހޭ ކަންކަން ހުއްނާނެކަމަށް ޔާސިރު ވިދާޅުވިއެވެ.
ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް، އަދީ ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއް، ސިޔާސީ ބޭނުމަށް އެ ޤައުމީ ބަތޮލުގެ ފޯޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން އެދެން. ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޙްލާޤެއް ބެހެއްޓެވުން މުހިންމު.
– ޔާސިރު ވިދާޅުވިއެވެ.
ޔާސިރުގެ އެ ޓްވީޓް ހިމަނުއްވައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީދު ހުސެއިން އާދަމްގެ ނަން ބޭނުންކޮށްގެން ހިންގާ ހަރަކާތަކީ ވަރަށް ލަދު ހަޔާތް ކުޑަ ހަރަކާތެއްކަމަށެވެ. އަދި މިކުޅެވެނީ ލެއާކަމަށް ވިދާޅުވެ އޭނާ ވަނީ އެކަން ހުއްޓާލަން ގޮވާލާފައެވެ.
ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ މި މީހުން ކުޅޭ ކުޅިވަރަކަށް ބޭނުން ކުރެވިގެން ނުވާނެ، ތިޔަ ކުޅުއްވަނީ އަޅުގަނޑުމެންގެ ލެޔާ.
– މޭޔަރު ވިދާޅުވެފަވެއެވެ.
ކޯޕްރަލް ހުސައިން އާދަމް ޝަހީދުވީ، ދިވެހިންގެ ތެރެއިން ވެސް ބަޔަކާއި ގުޅިގެން ލަންކާގެ ތަމަޅައިން މާލެ އަރައި ދިން އުދުވާނީ ހަމަލާގެ ތެރެއިންނެވެ. ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ޖަހައިގަންނަން ދިން އެ އުދުވާނީ ހަމަލާގައި ދިވެހިންގެ 19 މީހަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ސިފައިންގެ އަށް މީހަކު ހިމެނެއެވެ. މިއިން ދިވެހި ވެރިކަން ދިފާއުވެ ހޯދި ނަސްރާއި ގުޅިގެންނާއި، ޝަހީދުންގެ ޒިކުރާތައް އާ ކުރަން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް، ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެއެވެ.
ކޮމެންޓު ފޮނުވާ