ރަޝިއާ ސަރުކާރާ ދެކޮޅަށް ފާޑުކިޔަމުންދާ ފަރާތްތަކުގެ އަޑު ކަޑުވާލުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ޖަލަށް ލާފައިވާ، ރަޝިއާގެ ރައީސް ޕުޓިންގެ ސިޔާސީ ވާދަވެރިޔާ، އެލެކްސީ ނަވާލްނީގެ ބޭބެ ހައްޔަރު ކުރުމުގެ އަމުރު ރަޝިއާ ސަރުކާރުން އާންމު ކޮށްފިއެވެ.
ރަޝިއާގެ އިންޓީރިއަރ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި އޮލެގް ނަވާލްނީ ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވަނީ އޭނާއާއި ދެކޮޅަށް އުފުލިފައިވާ ޖިނާއީ ދައުވާތަކާއި ގުޅިގެން ކަމުގައެވެ. އެހެންނަމަވެސް، މި ދައުވާތަކާބެހޭ އެެއްވެސް ތަފްސީލެއް އިންޓިރިއަރ މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ.
އޭއެފްޕީ ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާގެ ނަން މިހާރުވަނީ އިންޓީރިއާރ މިނިސްޓްރީގެ "ވޯންޓެޑް" ލިސްޓުގައި ހިމަނާފައެވެ.
އިންޓީރިއަރ މިނިސްޓްރީން އޮލެގް ނަވާލްނީ ހައްޔަރު ކުރުމުގެ އަމުރު ނެރެފައި މިވަނީ، އަމަލު ކުރުން ފަސްކުރާގޮތަށް އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ޖަލު ހުކުމަކަށް ބަދަލު ކޮށްދިނުމަށް ރަޝިއާގެ ޖަލު ބަލަހައްޓާ އިދާރާއިން ކޯޓުގައި އެދެފައި ވަނިކޮށެވެ. ޖަލު ބަލަހައްޓާ އިދާރާއިން މި ހުކުމް ޖަލު ހުކުމަކަށް ބަދަލު ކޮށްދިނުމަށް އެދެފައިވަނީ، އޭނާ ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފް ވެފައިވާކަމަށް ބުނެއެވެ.
އޮލެގް ނަވާލްނީގެ ގާނޫނީ ވަކީލު ނިކޮސް ޕްރަސްކޯވް އިންޓަރފެކްސް ނޫސް އޭޖެންސީއަށް މައުލުމާތު ދެމުން ބުދަ ދުވަހު ވިދާޅުވެފައިވަނީ، އޮލެގް ނަވާލްނީ ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވަނީ ފުލުހުން އޭނާ ހައްޔަރު ކުރުމަށް ދިޔައިރު އޭނާ ދިރިއުޅޭ ގޭގައި ނެތުމާއި ގުޅިގެން ކަމުގައެވެ.
ގާނޫނީ ވަކީލު ޕްރަސްކޯވް ވިދާޅުވެފައި ވަނީ، އުމުރުން 38 އަހަރުގެ އޮލެގް ނަވާލްނީ ރަޝިއާ ދޫކޮށް ދިޔަކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
ރަޝިއާ ސަރުކާރުން އެލްކްސީ ނަވާލްނީ ޖަލަށްލާ، އަދި އޭނާގެ ޖަމިއްޔާ ރަޝިއާގައި މަނާކުރި ފަހުން، އޭނާގެ ހުރިހާ ގާތް އެކުވެރިންވަނީ ރަޝިއާ ދޫކޮށް ގޮސްފައެވެ.
ކޯވިޑް ފިޔަވަޅުތަކަށް ބެލުމެއް ނެތި، އެލްކްސީ ނަވާލްނީ ދޫކޮށްލުމަށް ގޮވާލާ ކުރި މުޒާހިރާއެއްގައި ބައިވެރިވެގެން އޮލެގް ނަވާލްނީގެ މައްޗަށް ފާއިތުވެދިޔަ އަހަރުގެ އޮގަސްޓުމަހު ވަނީ، ތަންފީޒު ކުރުން ލަސްކުރެވޭ ގޮތަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފަައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ، 2021ވަނަ އަަހަރުގެ ޖެނުއަރީމަހު އޭނާގެ ކޮށްކޮ މިނިވަން ކުރުމަށް ހުއްދަ ނުހޯދާ ބޭއްވި އެއްވުމަކަށް ރަޝިއާގެ ރައްޔިތުންނަށް ގޮވާލުމުގެ ތުހުމަތުގައި ކޮށްފައިވާ ދައުވާއެކެވެ.
މޮސްކޯގެ ކޯޓުން ހޯމަދުވަހު ހާމަ ކޮށްފައިވާ ގޮތުގައި އޮލެގް ނަވާލްނީ ހުކުމް ޖަލު ހުކުމަކަށް ބަދަލު ކޮށްދިނުމަށް އެދިފައިވާ އެދުމާއިމެދު އަންނަ ފެބުރުއަރީމަހުގެ 18ވަނަ ދުވަހު އެ ކޯޓުން ގޮތެއް ނިންމާނެއެވެ.
ކޮމެންޓު ފޮނުވާ