އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ ރޭގެ ފަތިހު 4:55 ހާއިރު ނިޔާވެފައިވަނީ 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިމަރާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދުވަނީ 271 އަށް އަރާފައެވެ.
ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަންފަށާފައެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2700 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެ 50 އަށް ވުރެ ގިނަ މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އެޗްޕީއޭއިން ވަނީ ނިސްބަތުން ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވަމުންދާނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށް ބުނެފައެވެ.
ކޯވިޑްގެ އާ ޕީކާއެކު އެޗްޕީއޭވެސްވަނީ ކުއްލި ޙާލަތަށް އައިސްފައެވެ. އެގޮތުން އެމަޖެންސީ ސެންޓަރު އިތުރަށް ވަރުގަދަކުރުމާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުމަށް އުސޫލުތައް އަންނަނީ ނެރެމުންނެވެ.