ބައިނަލްއަޤްވާމީ ތަޢުލީމީ ރޭންކިންގގެ ގަދަ 100 އިން ވިލާ ކޮލެޖަށް ޝަރަފުވެރި މަޤާމެއް

ބައިނަލްއަޤްވާމީ ތަޢުލީމީ ރޭންކިންގގެ ގަދަ 100 އިން ވިލާ ކޮލެޖަށް ޝަރަފުވެރި މަޤާމެއް

Author
އަހުމަދު
24 ޖޫން 2026 09:19
0

"ޓައިމްސް ހަޔާ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންގްސް 2026″ ގެ ގަދަ 100 މުއައްސަސާގެ ތެރޭގައި ހިމެނި، ވިލާ ކޮލެޖުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ބިނާކޮށް އެކުލަވާލާ މި ބައިނަލްއަޤްވާމީ ރޭންކިންގގައި، ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ (އެސް.ޑީ.ޖީ 4) އިން ވިލާ ކޮލެޖަށް ލިބިފައިވަނީ މުޅި ދުނިޔެއިން 82 ވަނަ މަޤާމެވެ. މިއީ މިދިޔަ އަހަރު އެ ކޮލެޖު އޮތް 101-200 ބޭންޑާ އަޅާބަލާއިރު ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ ރޭންކިންގގައި މުޅި ދުނިޔެއިން 1,603 މުއައްސަސާ ބައިވެރިވި އިރު، ވިލާ ކޮލެޖު ވަނީ އޯވަރޯލް ރޭންކިންގގެ 301 އާއި 400 އާ ދެމެދުގެ ބޭންޑުގައި ހިމެނިފައެވެ. މިއާއެކު، އެ ކޮލެޖު ވެފައިވަނީ މި ރޭޓިންގގައި ރާއްޖެއިން އެންމެ މަތިން ރޭޓްކުރެވުނު މުއައްސަސާއަށެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ވިލާ ކޮލެޖުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ދުޅަހެޔޮކަމުގެ ދާއިރާއިން 201-300 ބޭންޑަށް އަދި އިންސާފާއި ހެޔޮވެރިކަމުގެ ދާއިރާއިން 101-200 ބޭންޑަށް އެ ކޮލެޖު ވަނީ ކުރިއަރާފައެވެ. އަދި މިންތީގެ ހަމަހަމަކަމާއި ޕާޓްނަރޝިޕްގެ ދާއިރާއިންވެސް ދުނިޔޭގެ ކުރީ ސަފުގައި ވިލާ ކޮލެޖުން ވަނީ މިދިޔަ އަހަރުގެ މަޤާމު ދަމަހައްޓާފައެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު ވިދާޅުވީ، މިއީ އެ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކޮލިޓީ އިންޑެކްސްއެއްގެ 82 ވަނައިގައި ވިލާ ކޮލެޖު އޮތުމަކީ، އެ ކޮލެޖުން ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ސަނަދުތަކުގެ ބަރުދަން ބައިނަލްއަޤްވާމީ ވަޒީފާގެ ބާޒާރުގައި އުފުލި، ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.