ސްރީލަންކާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ބާރުއަޅާ ބިލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.
"މީސް މީޑިއާ މިނިމަމް އޭޖް ބިލް" ގެ ނަމުގައި މި ޕްރައިވެޓް މެންބާސް ބިލް މަޖިލީހަށް ހުށަހެޅުއްވީ ނިއު ޑިމޮކްރެޓިކް ފްރަންޓުގެ މެންބަރު އަދި ރައީސްގެ ކައުންސެލް ފައިޒާ މުސްތަފާއެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ އިންޓަނެޓްގެ ނުރައްކާތަކުން ކުޑަކުދިން ސަލާމަތްކޮށް، އެކުދިންގެ އޮންލައިން ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި ގާނޫނު ފާސްވެއްޖެނަމަ، ކުދިން ސްކްރީންތަކާ ދުރުވެ، ކުޅިވަރާއި އެހެނިހެން އިޖުތިމާއީ ހަރަކާތްތަކަށް ވަގުތު ދެވޭނެކަމަށް މާހިރުން ލަފާކުރެއެވެ.
ސްރީލަންކާއިން މިފަދަ ފިޔަވަޅެއް އަޅަން ތައްޔާރުވަމުންދާއިރު، އޮސްޓްރޭލިއާގެ މޮޑެލްއާ އެއްގޮތަށް އިނގިރޭސިވިލާތުން ވެސް ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ މަނާކުރަން ނިންމާފައެވެ. އޭގެ ތެރޭގައި ޓިކްޓޮކް، ޔޫޓިއުބް، އިންސްޓަގްރާމް، ފޭސްބުކް އަދި ސްނެޕްޗެޓް ފަދަ މަންސަތައް ހިމެނުނު ނަމަވެސް، ވަޓްސްއަޕް އާއި ސިގްނަލް ފަދަ މުއާސަލާތީ އެޕްލިކޭޝަންތައް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ނުރައްކާވެދާނެ 'ލައިވްސްޓްރީމިން' އަދި ނުދަންނަ މީހުންނާ މެސެޖުކުރެވޭ ފީޗާތައް ބްލޮކްކުރަންވެސް ވަނީ ނިންމާފައެވެ.
މިއީ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ސްރީލަންކާއިން ނިންމާ ވަރަށް މުހިންމު ނިންމުމެކެވެ.
ކޮމެންޓު ފޮނުވާ