ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ހައްގު އަސާންޖަށް ލިބިގެންވާކަމަށް އިނގިރޭސި ހައި ކޯޓުން ހުކުމް ކޮށްފި

ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ހައްގު އަސާންޖަށް ލިބިގެންވާކަމަށް އިނގިރޭސި ހައި ކޯޓުން ހުކުމް ކޮށްފި

Author
ހުސެއިން
24 ޖެނުއަރީ 2022 05:29
0

ވިކިލީކްސް ބާނީ ޖޫލިއާން އަސާންޖު އެމެރިކާއާއި ހަވާލު ކުރެވިދާނެކަމަށް އިސްތިއުނާފީ މަރުހަލާގައި އިނގިރޭސި ހައި ކޯޓުން ނިންމި ނިންމު ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ހައްގު އަސާންޖަށް އޮތް ކަމަށް އިނގިރޭސިވިލާތުގެ ހައި ކޯޓުން ނިންމައިފިއެވެ.

އެމެރިކާގެ ޖާސޫސީ އެތައް މައުލޫމާތެއް ލީކް ކޮށްލި ވިކިލީކްސްގެ ބާނީ، ޖޫލިއަން އަސާންޖުގެ ޝަރީއަތް އެމެރިކާގައި ކުރިޔަށް ގެންދިއުމަށްޓަކާ، އޭނާ އެމެރިކާއާއި ހަވާލު ކުރުމަށް އެދި އިގިރޭސި ވިލާތުގައި އިސްތިއުނާފީ ކޯޓުގައި ކުރިޔަށް ދިޔަ މައްސަލަ އެމެރިކާއިން ކާމިޔާބު ކޮށްފައިވަނީ ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އިނގިރޭސިވިލާތުގެ ހައި ކޯޓުން އެފަހަރު ބާތިލް ކޮށްފައިވަނީ، އޭނާގެ ނަފްސާނީ ހާލަތު ހުރިގޮތުން އޭނާ އަމިއްލައަށް ދަންޖެހި މަރުވުމުގެ ފުރުސަތު އޮތް ކަމަށް ބަލާ، އެމެރިކާއާއި އޭނާ ހަވާލު ނުކުރެވޭނެކަމަށް އިނގިރޭސި ދަށު ކޯޓުން ކުރިން ނިންމާފައި އޮތް ނިންމުމެވެ.

ހޯމަ ދުވަހު ހައި ކޯޓުގެ ފަނޑިޔާރުން އެބޭފުޅުންގެ ނިންމުން ސީދާ ގޮތެއްގައި ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަރު އަސާންޖަށް ދީފައި ނުވި ނަމަވެސް، މި މައްސަލާއާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ މުހިންމުކަން އަންގައިދޭ ކަންކަން ގާނުނީ ގޮތުން ހުރިކަމަށް ފަނޑިޔާރުންނަށް ވަނީ ގަބޫލު ކުރެވިފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، މިމައްސަލަ ކުރިޔަށް ގެންދާނީތޯ ނުވަތަ ނޫންތޯ ދެން ނިންމާނީ އިނގިރޭސިވިލާތުގެ ސުޕްރިމް ކޯޓުންނެވެ. އަދި ގާނުނީ އިތުރު މަރުހަލާއަކަށް މައްސަލަ ގެންދިއުމުގެ ފުރުސަތު އަސާންޖަށް ލިބިގެން ދިއުމާ ގުޅިގެން، މިވަގުތަށް އޭނާ އެމެރިކާއާއި ހަވާލު ކުރުން މަޑު ޖައްސާލެވޭނެއެވެ.

މިހާރު އުމުރުން 50 އަހަރުގެ އަސާންޖުގެ މައްޗަށް އެމެރިކާއިން ދައުވާ އުފުލާފައިވަނީ އެމެރިކާގެ ޖާސޫސް ކުރުމާބެހޭ ގާނޫނުގެ ދަށުން، އެގައުމުގެ ސިއްރު އަސްކަރީ އަދި ޑިޕްލޮމެޓިކް މައުލޫމާތު އާންމު ކުރުމުގެ ކުށުގައެވެ. މިގޮތުން އެމެރިކާއިން އަސާންޖުގެ މައްޗަށް 18 ތުހުމަތެއް ކުރެއެވެ. އޭގެ ތެރޭގައި، ޖާސޫސް ކުރުމުގެ 17 ތުހުމަތަކާއި، އަދި އޭގެ އިތުރުން ވިކިލީކްސްއިން މީގެ 10 އަހަރު ކުރިން އާންމުކުރި އެމެރިކާގެ އަސްކަރީ ރެކޯޑްތަކާއި އަދި ޑިޕްލޮމެޓިކް މުޢާމަލާތުތަކާއި ގުޅުން ހުރި މައުލުމާތާ ގުޅޭގޮތުން ކޮމްޕިއުޓަރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތު ތަކެވެ.

އެމެރިކާއިން ބުނަމުންދަނީ މި މައުލޫމާތުތައް އާންމު ކުރުމާއި ގުޅިގެން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ދިޔަކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ މި ހުރިހާ ދައުވާއެއް ސާބިތު ވެއްޖެނަމަ، 175 އަހަރުގެ ޖަލުހުކުމް އޭނާގެ މައްޗަށް އަންނާނެއެވެ.

އެހެންނަމަވެސް މި ހުރިހާ ތުހުމަތުތަކަށްވެސް އާސާންޖު އިންކާރު ކުރެއެވެ. އަދި އޭނާގެ ގާނޫނީ ވަކީލުން ބުނަމުންދަނީ، ލިޔެކިޔުންތައް އާންމު ކުރުމުގެ ރައްކާތެރިކަން ފޯރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވިފައިވާ އިސްލާހުގެ ދަށުން، ނޫސްވެރިއެއްގެ ހައިސިއްޔަތުން އޭނާއަށް ހިމާޔަތާއި ރައްކަތެރިކަން ލިބިދޭ ކަމަށެވެ.

އަސާންޖުގެ ވިކިލީކްސްއިން އާންމު ކޮށްފައިވާ މައުލޫމާތުތަކުން، އެމެރިކާގެ އަސްކަރިއްޔާއިން އިރާގާއި އަފްއާނިސްތާންގައި ހިންގާފައިވާ އިންސާނިއްޔާތާއި ޚިލާފް އެތައް ކަމެއް ވަނީ އާންމު ވެގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.