ބޭނުންވާ މައުލޫމާތު ނުލިބޭތީ މަސް މާރުކޭޓު އަޅާ ބިން ސަރުކާރާ ހަވާލުކުރަން ސިޓީ ކައުންސިލުން ދެކޮޅު ހަދައިފި

ބޭނުންވާ މައުލޫމާތު ނުލިބޭތީ މަސް މާރުކޭޓު އަޅާ ބިން ސަރުކާރާ ހަވާލުކުރަން ސިޓީ ކައުންސިލުން ދެކޮޅު ހަދައިފި

Author
އަހުމަދު
17 ޖޫން 2026 02:11
0

މާލޭގައި އާ މަސް މާރުކޭޓެއް އެޅުމަށް ބޭނުންވާ ބިން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދައިފިއެވެ. އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުން މިގޮތަށް ނިންމީ، އެ މަޝްރޫއާ ގުޅޭގޮތުން ކައުންސިލުން އެދިފައިވާ މައުލޫމާތުތައް ސަރުކާރުން ފޯރުކޮށްދީފައި ނުވާތީއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ބިން ހަވާލުކޮށްދިނުމަށް އެދި މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވީ ނަމަވެސް، ގާނޫނީ ގޮތުން ކައުންސިލުން ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމުން އެކަންކަމާ ގުޅޭ މައުލޫމާތު ހޯދަން އެދިފައިވާނެ ކަމަށެވެ. އެހެންކަމުން، އެ މައުލޫމާތުތައް ލިބިގެން ނޫނީ ބިން ހަވާލުނުކުރުމަށް މޭޔަރު ހުށަހެޅުއްވުމުން، މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދު ތާއިދުކުރައްވައި، ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.

ސަރުކާރުން މާލޭގައި ހިންގުމަށް ރާވާފައިވާ ތަރައްގީގެ އެކި މަޝްރޫއުތަކަށް ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. އަދި ހަގީގަތް އޮޅޭގޮތަށް އާއްމު ރައްޔިތުންނަށާއި މީޑިއާތަކަށް މައުލޫމާތު ފަތުރާކަމަށްވެސް ސަރުކާރުން ތުހުމަތުކުރެއެވެ. މި މައްސަލަތަކާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވަނީ، މޭޔަރު އާޒިމްއާއެކު އަނގަބަހުން ކުރެވޭ މުއާމަލާތްތަކުގެ ވާހަކަތައް އޮޅޭގޮތަށް ވިދާޅުވަމުން ގެންދަވާތީ، މީގެ ފަހުން މޭޔަރާ މުއާމަލާތްކުރައްވާނީ ހަމައެކަނި ލިޔެކިޔުމުންކަން އަންގަވައި ސިޓީ ކައުންސިލަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.