މިދިޔަ އަހަރު އެމްޑީޕީން ބޭއްވި މުޒާހަރާއަކާ ގުޅިގެން ދައުވާ އުފުލާފައިވާ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އަށް ވަކީލަކު އައްޔަންކުރުމަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަހުގެ މުހުލަތެއް ދީފިއެވެ.
ޒާޔާގެ މައްޗަށް އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށްގެންދިޔަ 'ލޫޓުވައިފި' މުޒާހަރާގައި، ގަސްދުގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅިކަމުގެ ދައުވާއެވެ. މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވަކީލަކު ހަމަޖެއްސުމަށް ޒާޔާ 30 ދުވަހުގެ މުއްދަތަކަށް އެދިވަޑައިގަތް ނަމަވެސް، ކޯޓުން ނިންމީ 10 ދުވަސް ދިނުމަށެވެ.
މި މައްސަލައިގައި ޒާޔާގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން އިތުރު ހަތް މީހެއްގެ މައްޗަށް ދައުވާކުރެއެވެ. މިއަދުގެ އަޑުއެހުމަށް ވަޑައިގަތުމުގެ ކުރިން ޒާޔާ ވަނީ ކޯޓުތަކުން ފޮނުވާ ޗިޓަކަށް ނުވަތަ ކުރާ ދައުވާއަކަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ އަޑު ކަނޑުވާލުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންނާއި ކޯޓުތަކަށް ނުފޫޒު ފޯރުއްވާކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން އޭރު ހަތް މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ