ސިޓީ ކައުންސިލުން ވާހަކަ އޮޅުވާލާކަމަށް ބުނެ، މުއާމަލާތްތައް ހަމައެކަނި ލިޔެކިޔުމަށް ބަދަލުކޮށްފި

ސިޓީ ކައުންސިލުން ވާހަކަ އޮޅުވާލާކަމަށް ބުނެ، މުއާމަލާތްތައް ހަމައެކަނި ލިޔެކިޔުމަށް ބަދަލުކޮށްފި

Author
އަހުމަދު
17 ޖޫން 2026 02:12
0

މާލެ ސިޓީ ކައުންސިލުން ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކާ ކަމަށް ތުހުމަތުކޮށް، އެ ކައުންސިލާއެކު ދެން ހަމައެކަނި ލިޔެކިޔުމުން މުއާމަލާތްކުރަން ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ކައުންސިލަށް އަންގާފައިވަނީ، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރެއްވުމަށް މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން މިނިސްޓްރީއަށް ވަޑައިގެން ތިއްބަވަނިކޮށް ފޮނުވި ސިޓީއަކުންނެވެ. އެ ސިޓީގައި މިނިސްޓްރީން ބުނެފައިވަނީ، މޭޔަރާއެކު އަނގަބަހުން ކުރެވޭ މުއާމަލާތްތަކުގެ ހަގީގަތް އޮޅޭގޮތަށް އެކި މަންސަތަކުގައި އޭނާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އެހެންކަމުން މުއައްސަސާތަކުގެ މެދުގައި ހިންގޭ މުއާމަލާތްތައް ހަރުދަނާކުރުމަށްޓަކައި ދެން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ލިޔުމުން ކަމަށް ވަނީ އަންގާފައެވެ.

މިނިސްޓްރީގެ މި ތުހުމަތުތައް ދޮގުކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް މިނިސްޓަރާ ބައްދަލުވެފައި ނުވާނެ ކަމަށާއި ފޯނުންވެސް ގުޅިފައި ނުވާނެ ކަމަށެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން ސަރުކާރު ބަދުނާމުވަމުންދާ ކަމަށާއި، ކައުންސިލުން ލިޔުމުން ފޮނުވާ ކަންކަމަށްވެސް މިނިސްޓްރީން އެއްވެސް ވަރަކަށް ޖަވާބުދާރީ ނުވާކަން މޭޔަރު ފާހަގަކުރެއްވިއެވެ. މި މައްސަލައާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވެސް ވަނީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ކެނޑިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސަރުކާރާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އޮތް ގުޅުން ހީނަރުވެ، އިތުބާރު ކުޑަވެފައިވާއިރު، މާލޭގެ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ކުރައްވާފައެވެ. އެގޮތުން ބޮޑުތަކުރުފާނު މަގު ހެދުމާއި މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއުގައި ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބި، ދަތިތަކާ ކުރިމަތިލާން ޖެހުނުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.