އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕަރ ބަލިކޮށް ޗެލްސީން މުހިއްމު މޮޅެއް ހޯދައިފިއެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ހެރީ ކޭން ލަނޑެއް ޖެހި ނަމަވެސް، އޭގެ ކުރިން ޗެލްސީގެ ކުޅުންތެރިއަކަށް ކޭން ފައުލްކޮށްފައި އޮތުމާއި ގުޅިގެން ރެފްރީވަނީ އެ ލަނޑު ބަލައި ނުގެންފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ލަނޑު ޖަހާނެ ފުރުަޞަތުތައް ތަނަވަސްކުރި ނަމަވެސް ލަނޑެއްކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފައެވެ.
ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ޗެލްސީން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު 47 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަކީމްޒިޔެޗްއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. ޗެލްސީން ލީޑު ފުޅާކުރީ އެޓީމަށްލިބުނު ކޯނަރަކުންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި މައުންޓް ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރ ތިއާގޯ ސިލްވާއެވެ.
މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ހޯދި 47 ޕޮއިންޓާއެކު ޗެލްސީ އޮތީ 3 ވަނައިގައެވެ. ދެވަނައިގައި 22 މެޗުން ހޯދި 48 ޕޮއިންޓާއެކުލިވަޕޫލް އޮތްއިރު އެއްވަނައިގައި ސިޓީ އޮތީ 23 މެޗުން ހޯދި 57 ޕޮއިންޓާއެކުއެވެ. ޗެލްސީ އަތުން ބަލިވި ޓޮޓެންހަމް އޮތީ 20 މެޗުން ލިބުނު 36 ޕޮއިންޓާއެކު 7 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ