ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ފިކުރާއި ދުރު އެންމެ ބޭފުޅަކުވެސް ރައްޔިތުންގެ މަޖިލީހަށް ވަނުމަކީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ވަރަށް އުދަނގޫވާ ކަމެއްކަމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިންގައި މިރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ކުރިއަށް އޮތް އިތިޚާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ކުރިމަތީގައި އޮތީ އެންމެ ސުވާލެއްކަމަށެވެ. އެއީ ކޮމަންޑޫ ދާއިރާގެ ރައްތަށް ފަޅުކޮށް، މާލެ ސަރަހައްދަށް ބަލުވުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ.
މިސުވާލުގެ ޖަވާބަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ރައީސް ޔާމީނާއި، ޕީޕީއެމްގެ ފިކުރަކީ ލާމަރުކަޒީ ފިކުރާ ބީރައްޓިހި، މަރުކަޒީ ވިސްނުމެއް ގެންގުޅޭ ސިޔާތެއް އޮތް ޕާޓީއެއްކަަމަށެވެ. އަތޮޅު ތެރޭގެ ރަށްތައް ތަރައްޤީ ކުރުމަކީ ޕީޕީއެމް ދަންނަ ކަމެއް ނޫންކަމަށާއި، ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުން، ރަށްތައް ސަލާމަތުން ބާއްވަން ބޭނުންނަމަ އޮތް ގޮތަކީ އެމްޑީޕީ ޚިޔާރު ކުރުންކަމަށް ހަސަން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސިޔާސަތަކީ މާލެ ސަރަހައްދު ފުރާާރުކުރުން. މާލެ ސަރަހައްދަށް މީހުން ޖަމާކޮށް، އެއްކުރުމަކީ އެއީ ރައީސް ޔާމީނަށް މާމޮޅު ސިޔާސަތަކަށް ވިޔަސް، އެއީ މާމޮޅު ސިޔާސަތެއްނޫން. އެއީ އަޅުގަނޑުމެން ގަބޫލުކުރާނެ ސިޔާސަތެއްނޫން. އެއުޅުއްވަނީ މިރަށްތައް ވިއްކާލަން.
– ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މަޖިލީހުގައި މިހާރުވެސް އެމްޑީޕީއަށް 64 ގޮޑި އޮތްކަމަށެވެ. ނަމަވެސް އެންމެ ގޮނޑިއެއް ހޯދަންވެސް އެހާބޮޑަށް މަސައްކަތް ކުރަނީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރައްވާކަމަށެވެ. އެސުވާލުގެ ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ، އެމްޑީޕީއަކީ ލާމަރުކަޒީ ފިކުރުގެ ވިސްނުން ގެންގުޅޭ އެސިޔާސަތު ތަންފީޒުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާ ޕާޓީއެއްކަމަށެވެ.
ނަމަވެސް އެސިޔާސަތާއި އެފިކުރާއި، ދެކޮޅަށް މަސައްކަތް ކުރާ އެންމެ މީހަކުވެސް މިހާރު ތިބިމީހުންގެ އިތުރަށް މަޖިލީހަށް ވަނުމަކީވެސް އެމްޑީޕީއަށް އުދަގޫވާނެ ކަމެއްކަމަށް ހަސަން ވިދާޅުވިއެވެ. ލާމަރުކަޒީ ފިކުރު ހިންގޭނީ އެކަންދަން އެކަންކުރުމުގެ ވިސްނުން ހުރި ބަޔަކަށް ކަމަށާއި، އެބަޔަކީ އެމްޑީޕީކަމަށް ހަސަން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ