މޫނު ބުރުގާ އަޅައިގެން އުޅޭ މަދު ބައެއްގެ ފަހަތުން ސިޔާސީ މީހުން އުޅޭތީ ހަނދާން ވަނީ އެމްޑީއެންގެ މަތިންކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދިބުމާއި ގުޅޭގޮތުން ޚިޔާލުތަފާތުވެ ބޮޑު ބަހުސްއެއް ހިނގާ މި ދަނޑިވަޅުގައި ޝައިޚް ޢަލީ ޒާހިރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މޫނުބުރުގާ އަޅައިގެން ކިޔަވައި ނުދެވެންވީ އެއްވެސް ހަމައެއް ނެތްކަމަށެވެ. އެގޮތަށް ހެދުން އަޅައިގެން ރާއްޖޭގައި ކިޔަވައިދޭ މަދު ޓީޗަރުން ކޮޅެއްގެ ފަހަތުން އަޅައިގަނެގެން ބައެއް ސިޔާސީ ވެރިންނާއި ސިޔާސީ ޕާޓީއަކާއި ވުޒާރާއެއް އުޅެން ފެށުމުން އެމް.ޑީ.އެން ގެ މަތިން ވަރަށް ހަނދާންވާކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.
މޫނުބުރުގާ އަޅައިގެން ކިޔަވައި ނުދެވެންވީ އެއްވެސް ހަމައެއް ނެތް އިރު އެގޮތަށް ހެދުން އަޅައިގެން ރާއްޖޭގައި ކިޔަވައިދޭ މަދު ޓީޗަރުން ކޮޅެއްގެ ފަހަތުން އަޅައިގަނެގެން ބައެއް ސިޔާސީ ވެރިންނާއި ސިޔާސީ ޕާޓީއަކާއި ވުޒާރާއެއް އުޅެން ފެށީމާ އެމް. ޑީ. އެން. ގެ މަތިން ވަރަށް ހަނދާންވެއެވެ
— Ali Zahir bin Saeed (@alizahirsaeed) January 21, 2022
އެމްޑީއެންއަކީ އިސްލާމް ދީނާ ޚިލާފު ވާހަކަތައް ހިމެނޭ ރިޕޯޓް ނެރުނު މައްސަލާގައި މިހާރު އުވާލާފައިވާ ޖަމްޢިއްޔާއެކެވެ. އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓް މައްސަލާގައި ގިނަ ބައެއްގ ެފާޑުކިޔުން ސަރުކާރާ އެ ޖަމްއިއްޔާގައި އުޅުއްވި ފަރާތްތަތަކަށް އަމާޒުވެފައިވެއެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާއި ގުޅޭގޮތުން ޚިޔާލުތަފާތުވެފައިވާއިރު، މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނޭޅުއްވުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ އެދިފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނު ބުރުގާ އެޅި ޓީޗަރުންނަށް ބުރުގާ ނެގުމަށް އަންގާފައެވެ.
އެޑިއުކޭޝަންގެ އެ އެންގުމާއެކު ވަނީ ވަރަށް ބޮޑު ފާޑުކިޔުމެއް މިނިސްޓްރީއަށާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް އަމާޒުވެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ މޫނު ބުރުގާ އެޅިނަމަވެސް ކިޔަވައިދޭ ގަޑީގައި މޫނު ނެގުމަށް އެނގީ، ކުދިންނަށް ކިޔަވައިދިނުމަށް ޝަޢުޤުވެރިކަން އުފެއްދުމަށްކަމަށެވެ.
މި ބަހުސްގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑުވިދާޅުވެ ޑރ.އިޔާޒް ވިދާޅުވީ، ދަރިވަރުން އަބަދު ތިބޭނީ މުދައްރިސްގެ މޫނުމައްޗަށް އަރުވާ ރޫތައް ނުވަތަ ހާކާފައި ހުންނަ ކުލަތައް ބަލަން ނޫންކަމަށެވެ. ދަރިވަރުންނަށް މުހިންމުވާނީ ފިލާވަޅުގެ ތަފްސީލްކަމަށް ވިދާޅުވެ ޑރ.އިޔާޒް ވަނީ އެވަރު އެނގިވަޑައިނުގަންނަވާނަމަ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.
މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތް ކުރުމާއި ގުޅޭ އުސޫލާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި މިވަގުތުވެސް މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭކަމަށެވެ. އަދި އެފަދަ މުވައްޒަފުންނާ މެދު އާމަލުކުރަނީ މުވައްސަސާގެ އެހެން މުވައްޒަފުންނާ މެދުގައިވެސް ޢަމަލުކުރާ އުސޫލުން، އެއްވެސް ތަފާތުކުރުމެއް ނެތިކަމަށެވެ. އަދި، ޖެނުއަރީ 2019ގެ ފަހުން މިނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައިވެސް ނުވާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުޞަތު ފަހިކޮށްދީފައިވަނީ، ކިޔަވައިދޭ ވަގުތުގައި ދަރިވަރުންނަށް މޫނު ފެންނާނެގޮތަށް ތިބޭގޮތަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި މި އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވަރބަލް ބިހޭވިއަރ ކޮންމެހެން ފެނުން ލާޒިމްކަމުގައި ވީނަމަވެސް، މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އެޅުމަށް އަންގާފައިވަނީ ސިއްޙީގޮތުން ދިމާވެފައިވާ ޚާއްޞަ ޙާލަތަކާ ގުޅިގެން މަޖްބޫރީ ޙާލަތެއް މެދުވެރިވެފައިވާތީކަމަށެވެ.
މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއް ނެރުނީ، ސްކޫލްތަކުގައި މޫނު ބުރުގާ އެޅި ޓީޗަރުންނަށް ކިޔަވައިނުދެވޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ