2020ގެ ފެށުމާއިއެކު މުޅި ދުނިޔެއަށް އާންމު ވެގެންދިޔަ ކޯވިޑް19ގެ ނުރައްކަލާއެކު ދުނިޔެއަށް ކުރިމަތި ވެގެންދިޔަ އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެން ދިޔައީ އިގްތިސާދީ ގޮންޖެހުންތަކެވެ. މިގޮތުން ކޯވިޑް19ގެ އާލަމީ ވަބާއާއެކު ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރަންޖެހި، ގައުމުތަކުގެ އެތެރޭގެ އިގްތިސާދީ ހަރަކާތްތައް ހުއްޓުމަކަށް އައިސް، ދުނިޔޭގެ ބައެއް ގައުމުތައް ގޮތް ހުސްވާ ހިސާބަށް ހާލަތު ގޯސްވެގެން ދިޔައެވެ.
މިގޮތުން، 2020ވަނަ އަހަރުގެ ޖެނުއަރީމަހު އެންމެ ފުރަތަމަ ބައިނަލް އަގުވާމީ ފެންވަރުގައި ސަމާލު ކަމަށް އައުމަށްފަހު އޭގެ 3މަސް ފަހުން، އެއަހަރުގެ މާރޗްމަހުގެ 11 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު މަޖިއްޔާއިން މިއީ އާލަމީ ވަބާ (ޕެންޑަމިކް)އެއްކަމަށް ކަޑައެޅިފަހުން، 90 ޓްރިލިއަން ޑޮލަރުގެ މައްޗަށް އެކުލެވިގެންވާ ދުނިޔޭގެ އިގްތިސާދު، ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރުގޮތަކަށް ދަންނަވަނީނަމަ ވަނީ "އިނދަ ޖެހިގެން" ގޮސްފައެވެ.
ނަތީޖާއެއްގެ ގޮތުން ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ، މި ވައިރަހާއި ދެކޮޅަށް ކުރަންޖެހުނު ހަގުރާމައިގެ ހޭދަތަށް ބޮޑުވެ، މިހޭދަތަކު ކުރިމަތީގައި ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކަަށް ވެސް ހިފައްޓާނުލެވުނުކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ. މިގޮތުން ދުނިޔޭގަ މިވަގުތު އޮތް އެންމެ ބޮޑު އިގްތިސާދު ކަމުގައި އެމެރިގެ ޖީޑީޕީ 2020ވަނަ އަހަރުގެ ފުރަތަމަަ ކުއާޓަރުގައި %31 ދަށަށް ގޮސްފައި ވެއެވެ. މިއީ ފާއިތުވެދިޔަ 70 އަހަރު ދުވަހުގެ ތެރޭގައިވެސް އެގައުމުގެ އިގްތިސާދު ޖީޑީޕީގެ ނިސްބަތުން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ފަހަރެވެ.

މިހާތަނަށް ހެދިފައިހުރި ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ކޯވިޑް19ގެ އާލަމީ ވަބާގެ ސަބަބުން 2020 ވަނަ އަހަރު މުޅި ދުނިޔޭގެ އިގްތިސާދުގެ ދުވެއްޔަށް %4.5- އާއި %6.0- އާއި ދެމެދުގެ މިންގަޑުން މަޑުޖެހުން އައެވެ.
ކޯވިޑް19ގެ އާލަމީ ވަބާއާއި އެކު ދުނިޔެއަށް ކުރިމަތިވެގެންދިޔަ އިގްތިސާދީ ގޮންޖެހުން ތަކާއި ކުރިމަތިލާންޖެހުމުގައި ގައުމުތަކުގެ ނިސްބަތުން ކުޑައެއް ބޮޑެއް ތަފާތުވެގެން ނުދިޔަ ނަމަވެސް، ގައުމުތަކުގެ އިގްތިސާދުތަކުގެ ޟަޢީފުކަމުގެ ނިސްބަތުން، އިގްތިސާދުތައް އިދަޖެހިގެން ގައުމުތަކުގެ މެދުގައި ދިއުމުގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މިގޮތުން ކޯވިޑާއި ދެކޮޅަށް ކުރަން ޖެހިފައިވާ އިގްތިސާދީ ހަގުރާމާގައި، ނިސްބަތުން އިގްތިސާދީގޮތުން އެންމެ ބޮޑު ގުރުބާނީއަކާއި ކުރިމަތި ލާންޖެހިފައިވާ އެއްގައުމަކަށް ވެގެން ގޮސްފައިވަނީ ދިވެހިރާއްޖެއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ އިގްތިސާދު މައިގަޑު އެންމެ ސިނާއަތުގެ މައްޗަށް ބަރޯސާވެގެން ގޮސްފައި އޮތުމާއި އަދި އިގްތިސާދު ބަރޯސާވެފައި އޮތް ސިނާއަތުގެ ޟައީފްކަންވެސް މެއެވެ.
ޑޮލަރުގެ އަގު އަދިވެސް އިންތިއާއަށް މަތީގައި! އިގްތިސާދަށް ހަގީގީ ކުރިއެރުމެއް ނާދޭ!
ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ކޯވިޑް19 އާލަމީ ވަބާގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، ސަރުކާރުން ފާއިތުވެދިޔަ ދެއަހަރުވެސް ކަޑައެޅި ބަޖްޓް ކުޑަކޮށް، ބަޖެޓުން ކުރަންޖެހޭ ހޭދަތައްވެސް ސަރުކާރުން ކުޑަ ކޮށްކޮށްފައެއް ނުވެއެވެ.
2022ވަނަ އަހަރަށް ބަލާއިރު، މިއަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވީ 36.9 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާ ކޮށްފައިވަނީ 34.0 ބިލިޔަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިޔަން ރުފިޔާއެވެ. މިގޮތުން 2022 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓަކީ 9.7 ބިލިޔަން ރުފިޔާއިން ޑެފިސިޓް ބަޖެޓަކަށް ވެގެން ދިޔައިރު، މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން %11.1ކަން މިފުރުސަތުގައި ފާހަގަ ކޮށްލަންޖެހެއެވެ.
މާނައަކީ، 9 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެއް މަޖިލީހުން ފާސްކޮށްފައި ވާއިރު، ތަރައްގީގެ މަޝްރޫޢުތަކަށް ކުރަންޖެހޭ ހޭދަތަށް ދަށްކޮށް، އަދި އެނޫން ގޮތްގޮތުންވެސް ދައުލަތުގެ މާލިއްޔަތުން ކުރާ ހޭދަތައް ދަށް ކުރުމުގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތަކަށް ވެން ދިޔައީ، ހޭދަތަށް ކުރުމަށްޓަކާ ލޭންދޭނަށް ގަނާ ފައިސާގެ އަދަދު އިތުރުކޮށްގެން، މިހާރުވެސް ހިންގަމުންދާ މަޝްރޫޢުތަކަށް ފައިނޭންސް ކުރަމުން ދިއުމެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، މުޅި ދައުލަތުގެ ދަރަނި އެނިސްބަތުން އުފުލި، އަދި އިގްތިސާދީ ގޮތުން ކުރިމަތި ލާންޖެހިފައިވާ ބޮޑެތި ބައެއް ބޮޑެތި ގޮންޖެހުންތައް އަދިވެސް ދަނީ އެގޮތުގައި ދެމެހެއްޓެމުންނެވެ.
މިގޮތުންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވާން އޮތް އިގްތިސާދީ މައްސަލައަކަށް ވެގެން ގޮސްފައިވަނީ ޑޮލަރުގެ އަގަށް އައިސްފައިވާ ނުރަގަޅު ބަދަލެވެ. ރާއްޖޭގައި ބޭރުފައިސާގެ އަގު އުފުލު، އަދި އޭގެ ކަޅު ބާޒާރެއް އުފެދި، ޑޮލަރެއްގެ އަގު 18 ރުފިޔާއަށް އަރައިގެން ގޮސްފައިވާތާ 2 އަހަރެއްހާ ދުވަސް ފާއިތިވެގެން ދަނީއެވެ.

އަދި ސަރުކާރުންވެސް ޑޮލަރުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސް ދޭނެކަމަށް ތަކުރާރުކޮށް ވައުދުވެ، އެހެންނަމަވެސް މިގޮތުން އަޅާ އިސްލާހީ ފިޔަޅެއް ނުފެނި، ޑޮލަރުގެ އަގަށް އައިސްފައިވާ ނުރަގަޅު ބަދަލާއި އެއް ނިސްބަތަކުން ތަކެއްޗާއި މުދަލުގެ އަގަށްވެސް ވަނީ އޭގެ ނުރަގަޅު އަސަރު ކޮށްފައެވެ. މާނައަކީ އިންފްލޭޝަން މައްޗަށް ގޮސް، އޭގެ އާޚިރު ނަތީޖާއެއްގެ ގޮތުން އާންމު ރައްޔިތުންގެ ކިބައިގައި ހުރި މުދާ ގަތުމުގެ ގާބިލްކަން (ބައިން ޕަވަރ) ދަށްވެ، މުޅި އިގްތިސާދުގެ ތެރެއިން މީގެ ނޭދެވޭ އަސަރު ފެންނާން ފަށާފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންކަމުން ކޯވިޑްގެ އާލަމީ ވަބާއަށް 2 އަހަރު ދުވަސް ފާއިތުވެގެން ދާއިރު، މިވަބާއާއި ދެކޮޅަށް ކުރަމުންދާ އިގްތިސާދީ ހަގުރާމާގައި، ރާއްޖޭގެ ބޯޑަރުތައް ހުޅުވާ، އަދި ފަތުރުވެރިކަމުގެ ސިނާއަތު ބޮޑުތަނުން އޭގެ އަސްލަށް ރުޖޫޢަވެގެން ގޮސްފައިވި ނަމަވެސް، ދުނިޔެ އަނެއްކާވެސް މިވަނީ އޮމިކްރޮން ވޭރިއެންޓާއި ކުރަންޖެހިފައިވާ ހަގުރާމާގައި ހާސްކަމުގެ ތެރެއަށް ވެއްޓިފައެވެ. އަލުން ބޯޑަރުތައް ބަންދުކޮށް، ދަތުރު ފަތުރަށް ހުއްޓުމަކަށް އައިސް، އަދި އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުންވެސް މިވަނީ ފެންނާން ފަށާފައެވެ.
އެހެންކަކުން ގަބޫލުރަން ޖެހިފައި އޮތް އެއް ހަގީގަތަކީ، ކޯވިޑް ކާރިސާގެ ސަބަބުން ކުރިމަތިވަމުންދާ އިގްތިސާދީ ގޮންޖެހުންތަކަށް އަދި ނިމުމެއް ނެތްކަމެވެ. ހައްލު ހޯދުމަށް ކުރަން ޖެހޭ ދިގު ރާސާތާގެ ކޮޅާކޮޅު ފެންނާންވެސް ނެތްކަމެވެ. ކަންބޮވުންތައް އަދިވެސް ހުރީ އޭގެ އިންތިހާގައި ކަމެވެ.
އިދިކޮޅާއި އެއްކޮޅުންވެސް އިގްތިސާދުގެ ވާހަކައެއް ނުދައްކާ!
ކޯވިޑް19އިން މުޅި ދުނިޔެއަށް ކުރިމަތި ކުރުވާފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް އަދިވެސް އަލިމަގެއް ފެނިގެން ގޮސްފައި ނުވާއިރު، މި ކުރިމަތި ވެގެން ގޮސްފައިވާ އިގްތިސާދީ ގޮންޖެހުންތައް ރާއްޖޭގެ ސިޔާސީ ވާދަވެރިންނަށް ފަހުމް ކުރެވޭކަމަށް މިއަދު ފެންނާކަށް ނެތެވެ.
ސަބަބަކީ، މުޅި ދުނިޔެއަށާއި އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑު ގޮންޖެހުމުގެ އަސަރު ގައުމުގެ އިގްތިސާދުންނާއި އަދި އާންމު ފަރުދުންގެ މާލީ ހާތަލުންވެސް ފެންނާން ހުރިއިރު، މިކަންކަމުގެ ވާހަކަ ސިޔާސީ ފަރާތްތަކުން ދައްކަމުން ނުދާތީއެވެ. ޑޮލަރުގެ އަގު އުފުލި އިންތިހާއަށް މަތިވެ، އެ މިންގަޑުގައި ހިފެހެއްޓިފައި ހުންނަތާ 2 އަހަރެއްހާ ދުވަސް ފާއިތުވެގެން ދާއިރު، މިކަމާ ކަންބޮޑުވެ ވާހަކަ ދައްކާ އިދިކޮޅެއް ވެސް ނެތުމުންނެވެ.

އަދި ކަޅު ބާޒާރުގައި ނުއަގުގައި ޑޮލަރުވިއްކާ ބިދޭސީން ހިފާ ހައްޔަރު ކުރުމުގެ އިތުރުން، މިމައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކަށް ރޭވުނު އިގްތިސާދީ ޕްލޭންއެއް، ނުވަތަ އިގްތިސާދީގޮތުން އެޅުނު ފިޔަވަޅުތަކެއްވެސް ފެންނާން ނެތުމުންވެ. އަދި ހަމަފަަދައިން ޑޮލަރުގެ މައްސަލަ ކޮޅެއްގައި ނުޖެހި، އޭގެ ބުރަ ވިޔަފާރަވެރިންނާއި އާންމު ފަރުދުންވެސް އެތައް ދުވަހެއްވަންދެން އުފުލަން ޖެހިފައިވާއިރު، އިގްތިސާދީ ބޮޑު މިމައްސަލަ ހައްލުކުރުމުގައި ދައުލަތުގެ މަނިޓަރީ ސިޔާސަތަށް ޒިންމާވާ މުވައްސަސާ، އެމްއެމްއޭވެސް އޮތީ "ގަދަ ނިދީ"ގައެވެ.
އެހެންކަމުން ގައުމުގެ ހާލަތު ހުރީ ނުހަނު ކަންބޮޑުވާ ހާލަތުގައެވެ. އިދިކޮޅުން "އިންޑިއާ އައުޓް" ސިޔާސަތު ކުރިޔަށް ނެރެ "ހޭބޯ ނާރާ" ސިޔާސީ ހަރާކާތް ކުރިޔަށް ގެންދަނީއެވެ. ސަރުކާރުން ދައްކަމުން ދަނީ، ޑޮލަރުގެ އަގަށް ހެޔޮ ބަދަލު ގެންނާނޭ ކަމުގެ ވާހަކަތަކާއި، ބަޖެޓުން ބޮޑެތި ހޭދަތައް ހިންގަމުންދާ ތަރައްގީގެ ބޮޑެތި ޕްރޮޖެޓްތަކުގެ ވާހަކަ ތަކެވެ. އޭގެ ނަތިޖާއެއްގެ ގޮތުން އުފުލަންޖެހޭ ދަރަނީގެ ބުރައާއި ހުރި ގޮންޖެހުމުގެ ވާހަކަ ދެއްކުމެއް ނެތެވެ.
ކޮންމެ ބަޔަކުވެސް އެބައެއްގެ ސިޔާސީ އެޖެންޑާއާއިގެން ކުރިޔަށް ދަނީއެވެ. އިގްތިސާދީ ގޮތުން ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކުގެ ވާހަކަ ދައްކާނެ ބަޔަކު ނެތެވެ. ސިޔާސީ ވާދަވެރިކަމާއި، އޭގެ އާހުގައި ރައްޔިތުން ގުރުބާންވެ، ހަފުސްވެގެން ދަނީ ގައުމާއި ރައްޔިތުންނެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.
One Response
ޚަބަރު އޮންލައިން ގެނައި ސަރުކާރަށް މިރާއްޖޭގެ އިގުތިސާދު ވެރިކަމަށް އައި އިރު އޮތް ގޮތުގަ މެނޭޖް ކުރަން ނޭނގުމަކީ އިދިކޮޅުގެ މައްސަލައެއް ނޫން. ޤައުމު ވިއްކާލި ވާހަކަ ޚަބަރު އޮންލައިނުން ވެސް ނުދައްކާ ތިމާމެން ގެނައި ސަރުކާރު ދިފާއު ކުރުން ނޫން ކަމެއް ނުކުރޭ. އިގުތިސާދު ފުނޑާލީ މި ސަރުކާރުން ގަސްތުގަ. ކޮވިޑް ގެ ސަބަބުން އިގުތިސާދު ދަށްވީ ކަމަށް ބުނާއިރު ވެރިން ބޭނުން ފަރާތްތަކަށް ބަދަލު ދެވޭ. ކޮމަންޑޫ ގުޅާލަން ވީމަ އިގުތިސާދު މެކުހުގަ