ފުރަތަމަ ފަހަރަށް އަތޮޅުތަކުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް!

ފުރަތަމަ ފަހަރަށް އަތޮޅުތަކުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް!

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2022 08:31
0

އަތޮޅުތަކުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްޤީކުރުމަށް ނިންމާ، ޢަމަލީ މަސައްކަތް ކުރުމަށް ބީލަމަށް ހުޅުވާލުމަށް ޓެންޑަރ ބޯޑަށް ފޮނުވައިފިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން 6 މަލްޓި ޕަރޕަސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓި އެމްޕަވަމަންޓުންވަނީ ނިންމާފައެވެ. މި މަސައްކަތުގެދަށުން ކުޅިވަރުގެ ދާއިރާއިން އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ބައިނަލްއަޤްވާމީ މުބާރާތްތައް ކުޅެވޭ ފެންވަރުގެ މަލްޓި ޕަރޕަސް އިންޑޯ ސްޕޯޓްސްް ކޮމްޕްލެކްސްތައް ޤާއިމުކުރުމެވެ.

ސްޕޯޓުސް ކޮމްޕްލެކްސް ތަރައްޤީ ކުރުމަށް ނިންމާފައިވާ ރަށްތަކަކީ ރ.އަލިފުށި، ރ.ދުވާފަރު، އއ.އުކުޅަސް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ފޭދުއާއި މީދޫގައެވެ. މާލޭގެ ސޯޝަލް ސެންޓަރު ފިޔަވާ ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ސ.މީދޫގައެވެ. މި މަސައްކަތަށް ބޭނުންވާ އިދާރީ މަސައްކަތްތައް ފުރިހަމަކުރުމަށް މިހާރުވަނީ ޓެންޑަރ ބޯޑަށް ފޮނުވާފައެވެ.

އަދި މިހާރުވަނީ ރ.އަލިފުށި، ރ.ދުވާފަރު އަދި އއ.އުކުޅަހުގެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްތައްވެސް ޓެންޑަރ ބޯޑަށް ހުށައަޅާފައެވެ. މި ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ އިމާރާތްތަކެކެވެ.

އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅި ބަލަން ވަންނަ މީހުންނަށް ފަސޭހައި ތިބެވޭނެ އިންތިޒާމްތަކާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.