މާލެ ސިޓީގެ ބަޖެޓުން ފައިސާ އުނިކޮށް، ދެ ކޮމަންޑޫ ގުޅާލުމަށް ޚަރަދުކުރަނީ!

މާލެ ސިޓީގެ ބަޖެޓުން ފައިސާ އުނިކޮށް، ދެ ކޮމަންޑޫ ގުޅާލުމަށް ޚަރަދުކުރަނީ!

Author
މުޙައްމަދު ޖިމީ
19 ޖެނުއަރީ 2022 06:24
0

މަތި ކޮމަންޑޫއާއި ކޮމަންޑޫ ގުޅުވާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުއަށް، މާލެ ސިޓީގެ ބަޖެޓުން ފައިސާ އުނިކޮށް އެ ފައިސާ ޚަރަދުކުރާކަމަށް މާލެ ސިޓީގެ ކައުންސިލްގެ އެމްޑީޕީ މެމްބަރު އަހުމަދު ޒަމީރު ތުހުމަތުކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވި، މާލެ ސިޓީގެ ރައްޔިތުންނަށް މިހާރު ޚިދުމަތް ދޭންޖެހެނީ މާލޭގެ އެކި ތަންތަނުގެ އެކި ޢިމާރާތުން އެކި ޚިދުމަތްކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ދަތިވާކަން ފާހަގަކުރައްވާ ޒަމީރު ވަނީ އެކަން ހައްލުކުރުމަށް ބަޖެޓްގައި ފައިސާ ހިމެނިކަމަށްވެސް ވިދާޅުވެފައެވެ.

ޒަމީރު ވިދާޅުވީ، މާލެ ސިޓި ކައުންސިލުން ޚިދުމަތް ދެމުން މިދަނީ "ބުޅާ ހަތް ހާއްޔަށް ލާހެން" ކަމަށެވެ އެކި ތަންނުގައި އެކި ޚިދުމަތް ދެމުން ދާއިރު މާލެ ސިޓީގެ ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ޚިދުމަތްދޭން ޢިމާރާތެއް އެޅުމަށް ސަރުކާރުން 18 މިލިއަން ރުފިޔާ ކަނޑައެޅިކަމަށެވެ. ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ އެންމެ ގޮނޑިއެއް ހޯދުމަށް މާލެ ސިޓީގެ ބަޖެޓުން ފައިސާ އުނިކޮށް ދެ ކޮމަންޑޫ ގުލުވާލުމަށް ޚަރަދުކުރާކަމަށް ޒަމީރު ތުހުމަތުކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ 65 ގޮނޑި އޮއްވާ އެންމެ ގޮނޑިއެއްގެ ބޭނުމުގަ އަޅުގަނޑުމެންގެ މާލެސިޓީ ރައްޔިތުންގެ ޢިމާރާތުގެ ބަޖެޓުން 7 މިލިއަން ރުފިޔާ އުނިކޮށްފަ ދެކޮމަންޑޫ ގުޅުވާލަން އެކުރާ ޚަރަދު ބަލައެއް ނުގަނެވޭ. އަދި އެމްޑީޕީ ކައުންސިލަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ބަލައެއް ނުގަނެވޭ. އެއީ މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތަކުން އުނިކޮށްފައެއް ކުއްލިއަކަށް އެހެންކަމަކަށް އެ ބަޖެޓް ޚަރަދުކުރާކަށް ބަލައެއް ނުގަނެވޭ.

– މާލެ ސިޓީ ކައުންސިލް އެމްޑީޕީ މެންބަރު އަޙްމަދު ޒަމީރު

ށ.ކޮމަންޑުއާއި އެރަށު ފަޅުގައި އޮތް މަތިކޮމަންޑޫ ގުޅާލުމުގެ ޢަމަލީ މަސައްކަތް  ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުއަކީ މި އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާ މަޝްރޫޢުއެއް ނޫނެވެ.

ށ.ކޮމަންޑުއާއި އެރަށު ފަޅުގައި އޮތް މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މިއަދު ފެށި މި މަޝްރޫޢު އަންނަ އަހަރުގެ ސެޕްތެމްބަރު ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ށ.ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ. އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ.

މި މަސައްކަތަކަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ތައްޔާރުކުރާނެއެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

އިންތިޚާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގައި ކުއްލިއަކަށް ގިނަ މަޝްރޫއުތަކެއް ހިންގާތީ އެއީ އިންތިޚާބަށް ނުފޫޒް ފޯރުވުންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފުވައްމުލަކުމީހާ
މަނިކުފާނުދޮގެންހަދާލެވޭތޯބަލާތިމަނިޕުއްޅައްވެސްމިނޫދުވަހެއޮށްކަންހަދާކޮއްދެންދޮގުހެދުމަކީވައްކަންކުރުމައްމަގުފަހިވާކަމެއް