ފާއިތުވި 11 އަހަރު ނުނިންމޭހާ ގިނަ މައްސަލަ، ކްލެމެންސީ ބޯޑުން މިދިޔަ އަހަރު ނިންމައިފި

ފާއިތުވި 11 އަހަރު ނުނިންމޭހާ ގިނަ މައްސަލަ، ކްލެމެންސީ ބޯޑުން މިދިޔަ އަހަރު ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2022 12:28
0

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، އެ އިލްތިމާސް ދިރާސާކޮށް ޢަމަލުކުރުމަށް ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުން މިދިޔަ އަހަރު ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމަވައިފިއެވެ.

ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ. ކްލެމެންސީ ބޯޑު ޙަރަކާތްތެރިވާނީ އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލްއެވެ. ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު 609 މައްސަލަ ބޯޑުން ވަނީ ނިންމާފައެވެ.

މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މައްސަލަތައް ނިންމި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ 11 އަހަރު އެވްރެޖުކޮށް ނިންމި މައްސަލަތަކާ ބަލާއިރު މިއީ 356 ޕަސެންޓް އިތުރުވުމެކެވެ.

ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ތިން އަހަރު އެ ބޯޑުން ބާއްވަން އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކޯރަމް ހަމަނުވެގެން ކެންސަލްކުރަން ޖެހިފައެއް ނުވެއެވެ.

ކްލެމެންސީ ބޯޑަކީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ޤާނޫނީ ދާއިރާއިން މީހަކާއި ތަޢުލީމީ ދާއިރާގެ މީހަކާއި އިޖުތިމާއީ ދާއިރާގެ މީހަކާއި ޞިއްޙީ ދާއިރާގެ މީހަކާއި ދީނީ ޢިލްމުގެ މީހަކާއި މަދަނީ ޖަމްޢިއްޔާއެއްގެ މީހެއްގެ އިތުރުން ޕެރޯލް ބޯޑުގެ މެންބަރަކާއި ފުލުހުންގެ ދާއިރާގެ މީހަކާއި ޝަރުޢީ ދާއިރާގެ މީހެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.