ށ.އަތޮޅުގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އިސްބޭފުޅުންތަކެއް އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެއެވެ.
ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ށ.އަތޮޅުގެ ކައުންސިލްގައި ކުރީގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި، މިހާރުގެ މެމްބަރުންވެސް ހިމެނެއެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި މިބޭފުޅުން އިދިކޮޅު ޕީޕީއެމްއާއި ގުޅިފައިވަނީ ރައީސް ޔާމީން ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.
ޖުމްހޫރީ ޕާޓީން ވަކިވެ ޕީޕީއެމްއާއި ގުޅުނު ބޭފުޅުންގެ ތެރޭގައި ށ.އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހުމަދު ފާއިޒުވެސް ހިމެނެއެވެ. ފާއިޒުއަކީ މީގެ ކުރިން ޖުމްހޫރީ ޕާޓީގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ފާއިޒުގެ ޕީޕީއެމްއަށް ސޮއި ކުރައްވާ ފޯމު ހަވާލު ކުރެއްވީ ރައީސް ޔާމީނާއެވެ.

ފާއިޒުގެ އިތުރުން ށ.ފުނަދޫ ކައުންސިލް މެމްބަރު ޒުލްފާ ހާމިދުވެސް ވަނީ ޖުމްހޫރީ ޕާޓީ ދޫކޮށް، ޕީޕީއެމްއާއި ގުޅިފައެވެ. ޒުލްފާއަކީ ސިޔާސީ ގޮތުން ފުނަދޫގައި އިސް މަސައްކަތްތަކެއް ކުރައްވާ ބޭފުޅެވެ. ޒުލްފާ ޕީޕީއެމްއަށް ސޮއިކޮށް ފޯމު ހަވާލު ކުރެއްވީވެސް ރައީސް ޔާމީނާއިއެވެ.

މީގެ އިތުރުން ށ.ފުނަދޫ ކައުންސިލްގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަހުމަދުވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެ، ޕީޕީއެމްއާއި ގުޅިފައެވެ. އޭނާގެ ފޯމުވެސް ހަވާލު ކުރެއްވީ ރައީސް ޔާމީނާއިއެވެ.

ފުނަދޫ ކައުންސިލްގައި ހިމެނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު އައިޝަތު ނަސީރާވެސް ވަނީ ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމްއާއި ގުޅިފައެވެ. ނަސީރާއަކީ ފުނަދޫގެ ޒުވާނުންގެ ތާއީދުބޮޑު، ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާން ކަނބަލެކެވެ. ނަސީރާގެ ފޯމުވެސް ހަވާލު ކުރެއްވީ ރައީސް ޔާމީނާއިއެވެ.

ށ.އަތޮޅުގެ ރަށްތަކަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅަކީ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އާދަމަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުގައި ފޯކައިދޫއިންވެސް ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއާއި ގުޅިފައެވެ. ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް ހަރަކާތްތަކެއް މިދަތުރުގައި ނުހިންގި ނަމަވެސް އަމިއްލަޔަށް ބޭނުންވެގެންވެސް ބައެއް ބޭފުޅުންވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.
ކޮމެންޓު ފޮނުވާ