އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކޮށް މެންޗެސްޓަރ ސިޓީ އެއްވަނައިގައި 13 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މިއަދު ހަވީރު ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީގެ މައްޗަށް ސިޓީ ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު، މެންޗެސްޓަރ ސިޓީން ވަނީ ލިބުނު ފުރުޞަތުތަކުގައި ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ސިޓީއަށް ލަނޑު ޖަހާނެ އެންމެ ހުސް ފުރުޞަތެއް ލިބުނީ އެޓީމުގެ ޖެކް ގްރީލިޝްއަށެވެ. ޗެލްސީގެ އޭރިޔާ ތެރެއަށް ވަދެ ގްރީލިޝް ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ދިޔައީ ކީޕަރ ކެޕަ ފައިގައި ޖެހިފައި ބޭރަށެވެ.
މި މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކެވިން ޑި ބްރޭނާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ކަނަށް ވަށްދާލައިގެންނެވެ. ސިޓީން ލަނޑު ޖަހާ ލީޑު ނެގިފަހުން ޗެލްސީން ވަނީ ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅުކޮށްފައެވެ. ނަމަވެސް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
ޗެލްސީ ބަލިކޮށް ސިޓީ ހޯދި 3 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އެޓީމު މިހާރު އޮތީ 22 މެޗުން ހޯދި 56 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޗެލްސީ އޮތީ 22 މެޗުން ލިބުނު 43 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ 20 މެޗުން 42 ޕޮއިންޓާ ހޯދައިގެންނެވެ. ލިވަޕޫލުން މެޗު ހަމަކުރާއިރު، ދެ މޮޅު ހޯދައިފިނަމަ ސިޓީގެ ލީޑު 8 ޕޮއިންޓަށް ކުޑަވާނެއެވެ.
ކޮމެންޓު ފޮނުވާ