އިންތިޚާބަށް ނުފޫޒު ފޯރުވުން ހުއްޓުވުމަކީ އިލެކްޝަންގެ މައްޗަށް ލާޒިމްކަމެއް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް، އިންތިޚާބަށް ނުފޫޒު ފޯރާފަދަ ގިނަ ކަންތައްތަކެއް ސަރުކާރުން ދަނީ އެދާއިރާގައި ކުރަމުންނެވެ. މިކަން ފާހަގަކޮށް އިލެކްޝަން ކޮމިޝަނުންވެސް އިންތިޚާބަށް ނުފޫޒުފޯރާ ގޮތަށް ތަރައްޤީގެ މަޝްރޫޢުތައްވެސް ނުހިންގުމަށް އެދިފައެވެ.
މިމައްސަލާގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރެވޭ އެންމެހައި ކަންކަން ހުއްޓުވުމަކީ އިލެކްޝަން ކޮމިޝަނަށް ލާޒިމް ކަމެއްކަމަށެވެ. މިނިވަން އިންސާފުވެރި އިންތިޚާބަކަށް ފުރުސަތު ފަހި ކުރުމަކީ އިލެކްޝަން ކޮމިޝަނަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ބޮޑު ޒިންމާއެއްކަމަށްވެސް ޑރ.އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
އިންތިޚާބެއްގެ މިނިވަންކަމާއި އިންޞާފުވެރިކަން ކަށަވަރު ކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތަކަށް ވީހިނދު، އެއްވެސް ފަރާތަކުން، އެއްވެސް ބާވަތެއްގެ ނުފޫޒެއް އިންތިޚާބަށް ފޯރުވާނަމަ އެކަން ހުއްޓުވުމަކީ “އިލެކްޝަންސް” ގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް.
– ޑރ.އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާއިރާގެ ސަރުކާރުގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ދާއިރާއަށް އަރައި އެކި މަޝްރޫޢުތައް އިފްތިތާހުކޮށް، ހެދުމަކީ ކަނޑައެޅިގެން ނުފޫޒުކަމަށެވެ. މިއީ ޑިމޮކްރަޓިކް އުސޫލުތަކާއިވެސް ޚިލާފް ކަމަށްވުމުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގޭ އެންމެހައި ކަންކަން ހުއްޓާލުމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
އިންތިޚާބެއްގެ ކެމްޕެއިންއާ ދިމާކޮށް ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ސަރުކާރުގެ ވެރިން ދާއިރާޔަށް ޒިޔާރަތްކޮށް މަޝްރޫޢުތައް އިފްތިތިތާޙު ކުރުމަކީ ރައްޔިތުންގެ “މިނިވަން އިރާދަ” ޔަށް އަރައިގަތުން. މިއީ ޑިމޮކްރެޓިކް ނިޒާމާ މުޅިން ބީރައްޓެހި ޘަޤާފަތެއް.
– ޑރ.އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދާނެކަމަށެވެ. އަދި ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ މިސަރުކާރުން ވެފައިވާ ވައުދެއްކަން ފާހަގަކުރައްވާ އެވައުދު ފުއްދުމަށްޓަކައި، މިފެށޭ ހަފްތާގައި މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށާއި، އެކަންކަން ދާނީ ބާރު ސްޕީޑުގައި ކުރިއަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް، ސަރުކާރުން ދަނީ އެދާއިރާގައި ގިނަ މަސައްކަތްތަކެއް ފެށުމަށް ނިންމާފައެވެ. ޚާއްސަކޮށް، ބަޖެޓުގައި ނެތް ކަންކަންވެސް ކުއްލިއަކަށް ބަޖެޓް ހަމަޖެހި ކުރުމަށް ނިންމުމާއި ގުޅިގެން ގިނަ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅާއި ދިމާކޮށް ސަރުކާރުން ކުރަމުންދާ ކަންތައްތަކަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގަމުންދާ އަމަލުތަކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއިއެކު ބޭއްވި ބައްދަލުވުމުގައި އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ކުއްލިއަކަށް ސަރުކާރުގެ މެނިސްޓޯގައާއި، އަދި ބަޖެޓުގައި ނެތްކަންކަން ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުންކަމަށް ބެލެވޭނެ ޖާގަ އޮންނާނެކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތްތަކުން އެފަދަ އަމަލުތައް ނުކުރުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އޭނާ ވިދާޅުވީ އިންތިޚާބުގައި ސިޔާސީ ވާދަވެރިކަމުގައި އެއް ކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓަކަށްވުރެއް ބޮޑު ތާއީދު ހޯދުމަށް ވަރުގަދަ ކެމްޕެއިނެއް ކުރެވޭނެކަމަށެވެ. ނަމަވެސް އިންތިޚާބަށް ނުފޫޒު ފޯރާފަދަ ކަންކަން ކުުރުމާއި، އަނެއް ކެނޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަފަދަ އެއްވެސް ކަމެއް ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ